ރައްޔިތުން އެދޭ ގޮތް އެގޭނީ ރައްޔިތުންނަށް، އެކަކަށްވެސް ނިޒާމީ ވޯޓަށް އިންކާރުނުކުރެވޭނެ

ރައްޔިތުން އެދޭ ރަނގަޅު އެގޭނީ ރައްޔިތުންނަށް ނަމަވެސް ނިޒާމީ ވޯޓެއް ނެނގުމާއިމެދު އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 21 އަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެން ވަރަށް ގިނަ ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުން ނެވެ. 

އެކަމަށް ރައްދުދެއްވައި ނަޝީދު މިއަދު ވިދާޅުވީ، ރައްޔިތުން އެދޭ އެންމެ ރަނގަޅުގޮތް އެގޭނީ އެ ރައްޔިތުންނަށް ކަމަށާއި، އަދި އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ. އެމްޑީޕީ ގިނަ މެމްބަރުން އެދެނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއިމެދު އެފަދަ ވޯޓެއް ނެގުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

ރައްޔިތުން އެދޭ ރަނގަޅުގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް. އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން. އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން މިފަދަ ވޯޓެއް ނެގުމަށް. ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށްވެސް އިންކާރުކުރެވޭނެ ކަމެއް ނޫން

ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވެއެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއެކު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، މިހާރު ރާއްޖޭގެ ގާނޫނު އަަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި، އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން،  ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތަލަގް ބާރުތަކަކާއެކު ސަރުކާރު ހންގުމަށް އެއް ޕާޓީ އަށް އާދެވުމަކީ ނާދިރުކަމަކަށްވެފަވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށެވެ. 

ގާނޫނު އަސާސީއަށް ގެންނަން ގަރާރުގައި ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ އެމަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރުކަމަށް ކަނޑަައެޅުމާއި، ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައްޔިތުންގެ އެންމެ ގިނަ ވޯޓުލިބޭ ރައީސުލްޖުމްހުރިއްޔާ ކަމަށް ކަނޑައެޅުން ހިމެނެ އެވެ. ނަމަވެސް ގަރާރުގައި ވާގޮތުން ސަރުކާރު ހިންގާނީ ބޮޑުވަޒީރެވެ. އަދި، ރައީސުލްޖުމްހުރިއްޔާއަށް ލިބިދެވޭ ބާރާއީ މަސްއޫލިއްޔަތުވެސް ކަނޑައަޅަނީ ބޮޑުވަޒީރެވެ.

މި ގަރާރަށް އެޕާޓީގެ ލީޑަރު އަދި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭހެން އެމްޑީޕީ ބައެއް މެމްބަރުން ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެފަދަ ގަރާރެއް ހުށަހަޅަންވާނީ ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުން އެކަމަށް އެދޭނަމަކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވަނީ އެ ގަރާރު އަބުރާ ގެންދެވުމަށްވެސް އިލްތިމާސްކުރައްވާފަ އެވެ. 

ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅާލައްވާ ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަވަން ބޭނުންފުޅުވާކަމުގެ ޝައުގުވެރިކަން ނަޝީދު އަންނަވަނީ، މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ފާޅުކުރަމުން ނެވެ. އެފަހަރު ނަޝީދު ވަނީ ހުދު ރައީސް ސޯލިހް އަށް އެވާހަކަ މެސެޖަކުން ދަންނަވާފައެވެ. ނަމަވެސް އެވާހަކައާއި ގުޅިގެން ރައީސް ސޯލިހް މާބޮޑު ސަމާލުކަމެއް ދީފައިނުވާއިރު އޭގެ ސަބަބުން އެމްޑީޕީތެރެ ދެފެކްޝަނަކަށް ބެހި ހަމަނުޖެހުންތައް ޕާޓީގެ އެތެރޭގައި ފެށިގެންދިޔައެވެ.  

އޭގެފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އެއަހަރުގެ ނޮވެމްބަރު މަސްތެރޭ ފޮނުވި މެސެޖެއްގައި ވެސް ވާގޮތުން ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް މިއަހަރުގެ ނޮވެމްބަރުގައި ނަގާނެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރާނީ 2023 ވަނަ އަހަރުގައި ކަމަށް އެ މެސެޖުގައި ވެއެވެ. އަދި އެކަމަށް ޕާޓީތަކުން އެއްބަސްވާ ފަދަ މޭރުމަކުން ނަޝީދު ވާހަކަދައްކަވާފައިވެއެވެ. ނަމަވެސް އެފަހަރު ވެސް އެހެން ޕާޓީތަކުން ވަނީ އެފަދަ ކަމަކަށް އެއްްބަސްވެފައި ނުވާނެ ކަމަށް ބުނެފަ އެވެ. 

ނަޝީދުގެ ފޮނުވި އެމެސެޖުގައި ވާގޮތުން 2023 ގައި ބަރުލަމާނީ ނިޒާމު ރާއްޖޭގައި އެކުލަވާލަން ބޭނުންވަނީ އެއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުންފުޅު ނުވާތީ އެވެ. އެދުވަހު ވެސް ނަޝީދު ވަނީ އެކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވެ، އެކަމާއި ފުންކޮށް ވިސްނުމަށް އެދިފަ އެވެ. ނަޝީދު ވިދާޅުވީ ފުންކޮށް ވިސްނާލުމުން އެއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށެވެ. 

މަސްދަރު: ސީއެންއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށު ކަރަންޓީނުން މީހަކު ޕޮޒިޓިވްވިޔަސް މުޅިރަށް މޮނީޓަރިންނަށް ނުލާނެ

ހޯމް ކަރަންޓިން ނުވަތަ ރަށުގައި ކަރަންޓީން ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ...

ގޮޑު ދޮށަށް ކުނި ނޭޅުމަށް އިލްތިމާސެއް

މީދޫ ގޮޑުދޮށަށް ކުނި ނޭޅުމަށް ނަލަފެހިން އިލްތިމާސް ކޮށްފިއެވެ. ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ” ނަލަފެހި ...

ޔޫރޯ 2020: ގްރޫޕް އޭ- ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ...