ރާއްޖޭގައި ޒުވާން އާބާދީގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވެއްޖެ! 

މިމަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގައި ބައިނަލް އަގުވާމީގޮތުން ފާހަގަ ކުރެވެނު ޒުވާނުންގެ ދުވަހެވެ. ޒުވާނުންނަކީ ކޮންމެ ގައުމެއްގެވެސް މުޅި ގައުމު ހިންގައިދޭ ހަކަތަ ކަމަށްވުމާއެކު، ޒުވާން އާބާދީ ރަގަޅު ގޮތުގައި ތަރުބިއްޔަތު ކޮށް، އަދި ޒުވާން އާބާދީގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމަށް ހުރިހާ ގައުމެއްގައިވެސް ޕްލޭންތައް ކުރެވި، އަމާޒުތަކެއް އެކަށައެޅިފައި ހުރެއެވެ.

މީގެ ތެރޭގައި ޒުވާނުންނަށް މަތީ ތައުލީމު ލިބިދެވޭނޭ މަގުތައްފަހިކުރުމާއި، ފަންނީ ވަޒީފާތައް ހޯދާ ދިނުމާއި، އަދި މިނޫނަސް ޒުވާން އާބާދީ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އެކުލަލާލެވޭ އެކިއެކި ޕްރޮގްރާމްތައް ހިމެނެއެވެ. މިހުރިހާ ޕްލޭންތައް އެކަށައެޅިފައި ހުންނަނީ ގައުމުގައި ދިރިއުޅޭ ޒުވާން އާބާދީއާއި ގުޅުންހުރި ތަފާސް ހިސާބުތަކުގެ މައްޗަށެވެ. އެހެންނަމަވެސް، މުޅި ގައުމުގެ އުފެއްދުންތެރިކަމުގައި ޒުވާން އާބާދީގެ ހިއްސާ އޮންނަ ނިސްބަތް ވަޒަންކުރުމުގައި، ގައުމުގައި ދިރިއުޅޭ ޒުވާނުންގެ އަދަދާއި، އަދި އެމީހުން ވަޒީފާގައި ތިބޭ ނިސްބަތާއި ދައުރު އަބަދުވެސް އޮންނަނީ ވަރަށްވެސް މުހިންމު ތަފާސް ހިސާބަކަށް ވެގެން ގޮސްފައެވެ.

މިގޮތުން، މިއަހަރުގެ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހާއި ދިމާކޮށް، ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްގެ ފަރާތުން ހާމަކޮށްފައިވާ، ރާއްޖޭގެ ޒުވާން އާބާދީއައި ގުޅުންހުރި ތަފާސް ހިސާބުތަކުން، މިހާތަނަށް ގިނަ ބައެއްގެ ސަމާކުކަމަށް އައިސްފައި ނުވާ އާ މައުލޫމާތުތަކެއް ވަނީ ހާމަވެގެން ގޮސްފައެވެ.

މީގެ ތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަކަ ކޮށްލެވެނީ، ރާއްޖޭގައި ދިރިއުޅެމުންދާ ޒުވާނުންގެ އަދަދަށް ބަލާއިރު ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު އިތުރުކަމަށް ތަފާސްހިސާބުތަކުން ފެންނާން ހުރި މައުލޫމާތުތަކެވެ.

މިމައުލޫމާތު ތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ 579،330 އަށް އަރާނެއެވެ. އަދި އާބާދީގެ 45 އިންސައްތައަކީ ޒުވާނުންނަށް ވާއިރު، މި ޒުވާން އާބާދީގައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ޒުވާނުންގެ އަދަދަކީ 53 އިންސައްތައެވެ. މާނައަކީ ރާއްޖޭގައި މިހާރު ދިއިރުޅެމުންދާ ޒުވާން އާބާދީގައި ދިވެހި ޒުވާނުންގެ އަދަދަކީ 47 އިންސައްތައެވެ.

ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްއިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ޒުވާން އާބާދީކަމަށް ބަލާ އުމުރު ކަމުގައިވާ 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގައި 258،923 މީހުން ރާއްޖޭގައި ދިރިއުޅެމުން އެބަދެއެވެ. އަދި 15 އަހަރާއި 24 އަހަރާ ދެމެދުގެ 97,039 މީހުން ރާއްޖޭގައި ދިރިއުޅެމުން އެބަދެއެވެ.

ތަފާސް ހިސާބުތަކާބެހޭ އިދާރާއިން މީގެކުރިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އަދަދު 182،000 އަށްވުރެ އިތުރުވާނެކަމަށް ބެލެވިފައި ވާއިރު، މީގެ ތެރެއިން 92 އިންސައްތައަކީ ފިރިހެނުންނެވެ.

ނުރައްކަލުގެ ރަގަބީލެއް!

ތަފާސް ހިސާބުތަކާބެހޭ އިދާރާއިން އާންމު ކޮށްފައިވާ ހިސާބުތަކުން، ރާއްޖޭގެ މިހާރުގެ އާބާދީގައި ޒުވާނުންގެ ގޮތުގައި ދިރިއުޅެމުންދާ މީހުންގެ ނިސްބަތުގައި ބިދޭސީންގެ ދިވެހިންނަށް މަތިމަށް ދެއްކުން އެއީ ހަމަ އެކަނި ހިސާބު އަދަދެއްގެ ގޮތުގައި ތަރުޖަމާކޮށް ނިންމާލުމަށްވުރެ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައިގަންނަން އެބަ ޖެހެއެވެ.

ސަބަބަކީ، ރާޖޭގައި މިވަގުތު ތިބި 258،923 ޒުވާނުންގެ ތެރެއިން 147،586 މީހުންނަކީ ބިދޭސީންކަމުގައި ތަފާސް ހިސާބުތަކުން ދައްކާނަމަ އޭގެ މާނައަކީ، މި ހުރިހާ ބިދޭސީންނަކީ ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކެވެ. އަދި މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގައި ބޮޑު ހިއްސާއެއް އަދާ ކުރަމުންދާ، އާމްދަނީ ހޯދުމަށްޓަކާ ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ފަރާތްތައްވެސް މެއެވެ.

މިގޮތުން މި ބިދޭސީން އެކިއެކި ދާއިރާތަކުގައި ވަޒީފާ އަދާކޮށްގެން ހޯދާ އާމްދަނިއަކީ ފޮރިންގ ރެމިޓެންސްގެ ގޮތުގައި ގައުމުން ބޭރަށް ދާނެ ފައިސާއެވެ. ދޮޅުލައްކައަށްވުރެ ގިނަ ޒުވާން ބިދޭސީން ކޮންމެ މަހަކުވެސް، ފޮރިންގ ރެމިޓެންސްގެ ގޮތުގައި ގައުމުން ބޭރަށް ފޮނުވާ ފައިސާގެ އަދަދަށް އެކަނި ބަލާލިނަމަވެސް، މިއީ ކުޑަ އަދަދެއްގެ ގޮތުގައި ބެލެވެން ނޯންނާނެކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މިއަހަރު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރި ޒުވާނުންގެ ދުވަހު ތަފާސްހިސާބާ ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ އިމާރާތް ކުރުމުގެ ދާއިރާގަ އެވެ. އެހެންނަމަވެސް، ދިވެހި އިގުތިސާދުގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އަދިވެސް ގިނަ އަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާކަން މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.

އެހެންކަމުން މަސައްކަތްތެރިކަމާއި ގުޅުންހުރި ސިނާއަތްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާ ކުރަމުންދާއިރު، ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ޒުވާނުންގެ ތެރެއިން، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި ދިވެހީންނަށްވުރެ ބޮޑު ހިއްސާއެއް އަދާ ކުރަމުންދަނީ ބިދޭސީންކަން މިއީ ތަފާސް ހިސާބުތަކުން ފެންނާން ހުރި ހަގީގަތެވެ. އެހެންނަމަވެސް، މިއީ، މިފަރާތްތަކުގެ އާމްދަނީއާއި، މަސައްކަތުގެ ތަޖުރިބާވެސް ގައުމުން ބޭރަށް ދިއުމަށް ހުޅުވާލެވިފައި ދޮރަކަށް ވުމާއެކު، މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަގީގަތުގައި ވިސްނާލަން ޖެހިފައި އޮތް ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި މެނުވީ ބެލެވޭކަށް ނެތެވެ.

ބިދޭސީންގެ މައްސަލައަށް ހައްލެއް ނައި!

ގައުމެއްގެ އާބާދީގެ ވަކި ގިންތިއެއްގައި ނަމަވެސް، އެގައުމެއްގެ ރައްޔިތުންނަށްވުރެ ބިދޭސީންގެ އަދަދު އިތުރު ވުމަކީ ހަގީގައިވެސް ކުޑަ މައްސަލައެއް ނޫނެނެވެ. އަދި އެ މައްސަލައަކީ ރާއްޖެއަށް ވަކީން ބޮޑު މައްސަލައަކަށް ވެގެންދަނީ، ދިވެހިރާއްޖެއަކީ، ރެފިއުޖީންގެ ގޮތުގައި އަންނަ ބިދޭސީންނަށްވެސް އަދި އެނުން ބަޔަކަށްވެސް ރަށްވެހިކަމުގެ ފުރުސަތު ނުދޭ ގައުމަކަށްވެފައި، ރާއްޖޭގައި ގިނަ ދުވަހު މަސައްކަތް ކުރުމަކުންވެސް ރާއްޖޭގެ ރައްޔިތަކަށް ވުމުގެ ފިރުސަތު ލިބިދެވޭ ގޮތަށް ގާނޫނުތަކުގައި އެކަށައެޅިފައި ނޯންނާތީއެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި އެކަށައެޅިފައިވާ ގޮތުން، ދިވެއްސަކަށް ވުމުގައި އެންމެ މުހިންމު ޝަރުތަކަށް ވަނީ މުސްލިމަކަށް ވުމެވެ.

އަދި މި އުސޫލުން، ދިވެއްސަކަށް މެނުވީ ރާއްޖޭގައި ބޭއްވޭ އެއްވެސް އިންތިޚާބެއްގައި (ލޯކަލް ކައުންސިލް އިންތިޚާބުތައް ފަދަ އިންތިޚާބުތަކުގައިވެސް) ވޯޓުލުމުގެ ފުރުސަތެއް އެހެން އެއްވެސް ފަރާތަކަށް ލިބިދީފައެއް ނޯވެއެވެ.

އެހެންކަމުން، ޒުވާން އާބާދީގައި ބިދޭސީންގެ އަދަދު އިތުރުވެ، އެމީހުންގެ ހައްގުތަކަށް އެމީހުން ވަކާލާތުކޮށް، ބިދޭސީންގެ ހައްގުތަށް ކަށަވަރުކުރުމަށް ނުފޫޒުގަދަ ޖަމިއްޔާތައް ހަދާ، އަދި ގިނަ އަދަދެއްގެ ބިދޭސީން ދިވެހިންނާ ކައިވެނިކޮށް، މިއީ ހުރިހާ ގޮތަކުންވެސް ގައުމީ ބޮޑު މައްސަލައަކަށް ވެގެން ނުދަނީސް ކަމާއި ގުޅުންހުރި މުވައްސަސާތަކުން މިމައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދާން ޖެހެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ސަރުކާރުން މީގެ 2 އަހަރެއްހާ ދުވަސް ކުރިން ފެށި މަސައްކަތްތަކާއެކުވެސް، ތަފާސްހިސާބާ ބެހޭ އިދާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކުވައިދީފައިވަނީ، ބިދޭސީންގެ މައްސަލައަށް އެކަށިގެންވާ ހައްލެއް ސަރުކާރަށް ހޯދާދެވިފައި ނުވާކަމެވެ.

އެހެންކަމުން، މިއީ، ހަމައެކަނި ތަފާސް ހިސާބުގެ އަދަތަކެއްގެ ގޮތުގައި ނިންމާ ދޫކޮށްލުމަށްވުރެ މާބޮޑަށްވެސް ހައްސާސް މައްސަލައެވެ. ހައްލު ހޯދާން ޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ. ގައުމުގެ އުފެއްދުންތެރިކަމާއި، އަމިއްލަވަންތަކަމާއި، އަދި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ކުރިމަތި ކުރުވާނޭ ބޮޑު މައްސަލައެކެވެ.

ނޯޓް: މަތީގައިވާ ރިޕޯޓަކީ ޚަބަރު އޮންލައިންގައި 14 އޯގަސްޓް 2022 ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްމަހުގެ ކުއްޖަކު ކޮވި ޑަށް ޕޮޒިޓިވް ވެއްޖެ

ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ ފިރިހެން ކުއްޖެކެވެ. މިރޭ ބޭއްވި ...

މަޖިލިހަށް އިންތިޚާބްކުރަންޖެހެނީ ރަށުމީހެއްތަ ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވަނީ ކެމްޕޭންގެ މަސައްކަތް ފަށާފައެވެ. މަޖިލީހަށް ...

މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެއްޗާއި ގަސްތައް ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ފުވައްމުލަކު ސިޓީގެ ބައެއްގޭގެ މަގުފާރު ކައިރީގައި ބަހައްޓާފައި ހުންނަ ބަގީޗާ ގަސްތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި ޖޯލިފަދަ ...