ތަރައްޤީއަށް ހުރަސްއަޅަނީ ވެރިކަމުގެ ދަހިވެތިކަމުގައި- މިނިސްޓަރ ސަޢީދު

އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން ކަމަށާއި، ތަރައްޤީއަށް ހުރަސް އެޅުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ބިލެއްދޫ ދާއިރާއިން ޕީޕީއެމާ އަލަށް ގުޅުނު މެންބަރުންގެ ފޯމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާޙީމާ ޙަވާލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދިވެހިރާއްޖެއަށް ތަރައްޤީ ހޯއްދަވައިދެއްވަމުން ގެންދަވަނީ މީގެ ކުރިން ވެރިކަން ކުރެއްވި ރައީސުން ގެންގުޅުއްވި އުކުޅުތަކާއި މުޅިން ތަފާތު އުކުޅުތަކެއް ބޭނުންކުރައްވައިގެންކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ނުކުރެވި ހުރި ގިނަ ކަންތައްތަކެއް ސަރުކާރުން އެންމެ 3 އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިދިކޮޅު ބައެއް ޕާޓީތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި، ސަރުކާރަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކާމިޔާބުވިޔަ ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލާނެކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ބިލެއްދޫ ދާއިރާއިން ޕީޕީއެމްއާ އަލަށް ގުޅުނު 70 މެންބަރުންގެ ފޯމް ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް އަރުވާފައެވެ. މި 70 މެންބަރުންނަކީ، ސަރުކާރަށް ފާޑުވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ރޭ ދެއްކެވި ވާހަކަތަކަށް ނުރުހުން ފާޅުކޮށް ޕީޕީއެމާ އަލަށް ގުޅުނު މެންބަރުންކަމަށް ޕީޕީއެމުން ބުނެއެވެ.

Next: ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓައެއްނުލާ – އާސަންދަ