އައްޑޫ މަގުތައް ހަދާ ނިމޭއިރު މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ އައްޑޫސިޓީގައި ހަދަމުންދާ މަގުތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނިޒާރު ކުރެއްވި ޓުވިޓެއްގައެވެ.
ނިޒާރުގެ ޓުވިޓާގައި އިތުރަށް ވިދާޅުވެފައިވަނީ މަގުހެދުމުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތާމެދު ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އެބައޮތް ކަމަށާ އެހެންކަމުން ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް ޕްލޭނިންގ މިނިސްޓްރީއަށް ހުށައަޅަމުންދާ ކަމަށާއި އެހެން ނަމަވެސް ހައްލެއް ނުލިބި މަސައްކަތް ނިމޭއިރު މި މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ޕްލޭނިންގ މިނިސްޓްރީއަށް މަސައްކަތް ބެލެންވާ ވަރަށް ނުބެލޭ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
” މިމަސައްކަތް ނިމޭއިރު، ހަދަމުންދާ މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް “
ނިޒާރުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ނިޒާރު ވިދާޅުވެފައިވާ ގޮތުގައި، މިމަގުތައް ހަދާ ނިމޭއިރު ރަގަޅު ފެންވަރަކަށް މަގުތަ ހެދިފައި އޮތުމަކީ އައްޑޫ ރައްޔިތުންނާއި އަދި ސަރުކާރުންވެސް އެދޭ ގޮތްކަމަށާއި، އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ދާގޮތުން، މިމަގުސަދު ހާސިލް ވެދާނެކަމާމެދު މިހާރު ޝައްކު ހީވެފައި ވާކަމުގައެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.
މި ޕްރޮޖެކްޓަކަށް 147.1 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނޭޅި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޕްރޮޖެކްޓު ދެ އަހަރުތެރޭގައި ނިމުމުން މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.