ޑްރަގު ހުރި ދަބަސް އަތުން ނުފެނުނީތީ، ފިލްމީތަރި މަލީހާ މައްޗަށް ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް، ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ، ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މަސްތުވާތަކެތި ހުރި ދަބަސް ފެނުނުއިރު، އެ ދަބަސް ހުރީ ތަޅުނުލާ ކަމަށާއި، އެހެންކަމުން އެދަބަހަށް އެހެން މީހުނަށްވެސް ވާސިލުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި އެދަބަސް ފުލުހުން ނެގީ ބަނދަރުމަތީގައި ހުއްޓާކަމަށް ހެކިވެރިން ބުނުމާއި، އެދަބަސް މަލް އާއި، އެކަމުގައި ދެން ދައުވާކޮށްފައިވާ މީހާ ގެންގުޅެނިކޮށް ވެސް ފެނިފައިނުވާތީ، އެދެމީހުނާއި އެ މަސްތުވާތި ގުޅުވާލެވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައި ވެއެެވެ. 

އެހެންކަމުން، ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވީ މަލް ހިމެނޭހެން އެ މައްސަލާގައި ދެން ދައުވާކޮށްފައިވާ މީހާގެ މައްޗަށްވެސަ ކުށް ސާބިތުނުވާ ކަމަށެވެ.

ކުށް ސާބިތުވިނަމަ އުމުރު ދުވަހުގެ ޖަލު ހުކުމާއިއެކު ބޮޑު ޖޫރިމަނާއެއް އަންނާނެ އެވެ.

މިއީ، 2019 އަހަރުގެ ތެރޭގައި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަލް އާއި އިތުރު އަންހެނަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މައްސަލަ އެވެ. 

މާލޭން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ. އިތުރު މައްސަލައެއްގައި އޭނގެ ފަހުންވެސް ފިލްމީ ތަރި މަލް ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފަ އެވެ.

އެމައްސަލާގައި އޭނާ ހައްޔަރުގައި ބެހެއްޓުމަށްފަހު ކޯޓުގެ އަމުރަށް ފަހުން ދޫކޮށްލީ އެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އުފުލި އެވެ.

މަސްދަރު: ސީއެންއެމް.އެމްވީ

Next: ފައްޔާޒާއި އިދިކޮޅަށް އެރުމަކީ ކުރެވުނު ގޯސްކަމެއް: ނަޝީދު