ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް އެ މަޝްރޫގެ 2 ބިލިއަން ރުފިޔާ ކުންފުންޏާ ހަވާލުކޮށްފިއެވެ.
މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަން ނިންމާފައިވާއިރު، 2024 ވަނަ އަހަރަށް އެއާޕޯޓުން ބޭނުންކުރެވެނެ ކަމަށް ލަފާކުރެއެވެ.
މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުން ކަމަށާއި މި މަޝްރޫއާއި އެކު އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.