ރާއްޖެއާއި އިންޑިއާއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ދެ ޤައުމުގެ ދެމެދު ބަދަލުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކުރިފުޅުމަތީގައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޑިޒާސްޓަރ މެނޭޖްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބަޔާސް ކްރެޑިޓް އެގްރީމެންޓުގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކުން ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފައިވެއެވެ.

މީގެ އިތުރުން ހަމަ މި އެގްރީމެންޓުގެ ދަށުން ހުޅުމާލޭގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް 119 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައިވެސް މި ރަސްމިއްޔާތުގެ ތެރެއިން ސޮއިކޮށްފައިވެއެވެ.

ދެ ޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތައް ބަދަލުކުރުމަށްފަހު ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ އުމްރާނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑީއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތް އެކުވެރިކަން ރަމްޒުކޮށްދޭ މުހިއްމު ދެ މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުން އައްޑުއަށް ކުރިއެރުން ލިބިގެންދާނެ: އަސްލަމް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުން ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބިގެންދާނެކަމަށް އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ މެންބަރު ...

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފި

2 ވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ...

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...