ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޖަރުމަނު ބަލިކޮށް އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އިންގްލެންޑުން ބައިނަލްއަގުވާމީ އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ފައިނަލުގައި ޔޫރަޕްގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދި ޖަރުމަނު އަތުން އިންގްލެންޑް މޮޅުވިއިރު، މިއީ އިންގްލެންޑް އަންހެން ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އިންގްލެންޑުން އާ ކޯޗު ސަރީނާ ވިއެމަންގެ ކޯޗުކަމުގައި ބަލިނުވެ، 20 މެޗު ހަމަކޮށް މި ވަނީ ބޮޑު މުބާރާތެއްގެ ތަށީގައި ފުރަތަމަ ފަހަރަށް އަތްލައިފަ އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް ރޭގެ ފައިނަލް މެޗު ބަލަން 87،192 މީހުން ވަންއިރު، މިއީ ޔޫރަޕްގެ މެޗެއްގެ ބަަލަން އެންމެ ގިނަ ސަޕޯޓަރުން ވަން މެޗެވެ. ރެކޯޑް އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ރޭގެ ފައިނަލުގައި އިންގްލެންޑުން ލީޑުނެގީ މެޗުގެ 62 ވަނަ މިނިޓްގައި ކެއިރާ ވަލްޝް ދިން މޮޅު ބޯޅައަކުން އެލާ ޓޫން އެވެ. ޖަރުމަނުގެ ޑިފެންސް ފަހަތުން ހުސްވި ޖާގަ އަށް ރަނގަޅު ވަގުތުގައި ދުވެފައި ގޮސް ޓޫން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޖަރުމަނުގެ ކީޕަރު މާލް ފްރޯމްސް އަތްމަތިން ގޮހެވެ.

އިންގްލެންޑްގެ 2 ވަނަ ގޯލް ކާމިޔާބުކޮށްދީ އިންގްލެންޑަށް ޔޫރޯ ކާމިޔާބުކޮށްދިން ކްލޯއީ ކެލީ : ގޯލްކާމިޔާބުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ (ކ)   

ނަތީޖާ ހަމަހަމަކުރަން ޖަރުމަނުން ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކުގައި ނަތީޖާ ފެންނަން މާގިނައިރެއް ނުނެގި އެވެ. މެޗުގެ 79 ވަނަ މިނިޓްގައި ޖަރުމަނަށް އެއްވަރުކޮށްދިނީ މުޅި މެޗުގައި ވެސް ނުރައްކާކޮށް ފެނުނު ލީނާ މެގުލް އެވެ. މިއީ ޓާބެއީ ވަސްމުތު ނެގި ހުރަހަކުން ގޯލު ކުރިމަތިން އަރައި، މެގުލް ޖެހި ގޯލެކެވެ.

އެއްވަރުކުރި ގޯލު ޖެހުމުގެ އިރުކޮޅެއް ކުރިން މެގުލް ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

އިންގްލެންޑް މޮޅުވީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން މެޗުގެ 110 ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. ކޯނަރެއްގައި ޖަރުމަނު ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅައެއް، ކުޑަ އޭރިއާތެރެއިން ލިބުމުން ކްލޯއީ ކެލީ ވަނީ ގޯލަށް ބޯޅަ ފޮނުވާލަައިފަ އެވެ.

ކްލޯއީ މި މުބާރާތަށް ފިޓްވީ ވެސް ފަހު ވަގުތު އެވެ. އޭނާ އައީ ކަކުލުގެ ލިގަމަންޓް އިންޖަރީ އަކުން ރިކަވާވަމުންނެވެ.

ރޭގެ ފައިނަލް މެޗަށް ފަހު އިންގްލެންޑް ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. މި މުބާރާތުގެ ކުރިން، އެންމެ ފަހުން 2017 ވަަނަ އަހަރުގެ އަންހެނުންގެ ޔޫރޯގައި އިންގްލެންޑް ސެމީ ފައިނަލުގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަން ނެދަލެންޑްސް އަތުން 3-0 އިންނެވެ. އެކަމަކު، މި ފަހަރު މި ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބަލިކޮށް އަމިއްލަ ފަސްގަނޑުގައި ތާރީހީ ކާމިޔާބެެއް ހޯދައިފަ އެވެ.

މަސްދަރު: އަދަދު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢުވަނީ ހިންގާފައި – މިނިސްޓަރ

މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން އައްޑޫ ސިޓީގައި 25 މިލިޔަން ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2018 – ރޭގެ މެޗް ކާމިޔާބުކުރީ ޑީކޭ

މިނިވަންކަޕް ފުޓްސަލް މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޑިކޭ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ ހުޅުދޫ ފުޓްސެލް ދަނޑުގައި ރޭ ކުޅެވުނު ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ މެޗް ބޮޑުތަފާތަކުން ހިތަދޫ ކާމިޔާބުކޮށްފި

” އައްޑޫ ޔޫތު ޗެލެންޖާސް 2020 ”  ނަމުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މީދޫގައި ބޭއްވުމަށް ...