އިސްރާއީލުން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފިއެވެ.
ސޫރިޔާ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ފައިޓަރ ޖެޓުންނާއި މިސައިލުން ދިމިޝްގުގެ ގުތައިފާ ސަރަހައްދަށް އަންގާރަ ދުވަހު ވަނީ ހަމަލާތަކެއްދީފައެވެ. އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ދިން ހަމަލާތަކުގެ ތެރެއިން ޙަމަލާއެއް އިސްރާއީލުގެ ފައިޓަރ ޖެޓަކަށް އެރިކަމަށްވެސް ސޫރިޔާގެ އަސްކަރީ ބަޔާން ބުނެއެވެ.
އިސްރާއީލުން ސޫރިޔާއަށް ދޭ އުދުވާނީ ހަމަލާތައް އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި ސޫރިޔާގެ އަސްކަރީ ބައެއް މަރުކަޒުތަކަށާއި އަސްކަރީ ދިރާސާތައް ކުރާ ލެބޯޓްރީތަކަށާއި ހަތިޔާރު ގުދަންތަކަށެވެ. އަންގާރަ ދުވަހު އިސްރާއީލުން ސޫރިޔާއަށް ދިން ޙަމަލަތަކާބެހޭގޮތުން އިސްރާއީލުން ބަޔާނެއް ދީފައެއްނުވެއެވެ.
ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ސޫރިޔާއަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދެމުން މިގެންދަނީ ސޫރިޔާ މިހާރު އޮތް ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އިސްރާއީލުންވަނީ ސޫރިޔާގެ އުސް ބިންތަކެއް ކަމަށްވާ ގޯލާންގެ ބިންތަކަށްވެސް ގަދަބާރުން ވެރިވެގަނެ އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ފަށާފައެވެ.