ކާބޯތަކެތި އެކްސްޕޯޓް ކުރަން ރަޝިއާ އާއި ޔޫކްރޭނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޔޫކްރޭންގައި އުފައްދާ ކާބޯތަކެތި ދުނިޔޭގެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމާއި ގުޅޭ ކަންކަން ކުރިއަށް ގެންްދާނެ ގޮތަކާއިމެދު ރަޝިއާ އާއި ޔޫކްރޭނުން އެއްބަސްވުމަށް އައިސް، އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުން ގާއިމު ކުރުމުގެ ބޭނުމަކީ ރަޝިއާ އިން ޔޫކްރޭންގެ ބައެއް ބަނދަރުތައް ހިފައި، އަދި ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ނެގުމުން ޔޫކްރޭންގައި އުފައްދާ ކާބޯތަކެތި ދުނިޔޭގެ ބާޒާރަށް ނެރެވޭނެ ގޮތެއް ނެތުމުން، އެމައްސަލައަށް ހައްލެއް ގެނައުމެވެ.

ޔޫކްރޭންގައި އުފައްދާ ތަކެތި ބާޒާރަށް ނެރެވޭނެ ގޮތެއް ނެތުމުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނާތީ މިއެއްބަސްވުން ގާއިމު ކުރުމަށް އދ. އާއި އަދި އެހެން ބައެއް ގައުމުތަކުން ވެސް އައީ ބާރު އަޅަމުންނެވެ. އެއްބަސްވުން ގާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރީ ތުރުކީވިލާތުންނެވެ.

ރަޝިއާ އާއި ޔޫކްރޭނުން އެއްބަސްވުމުގައި ސޮއި ކުރީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ. އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ރަޝިއާގެ ޑިފެންސް މިނިސްޓަރ ސާޖިއޭ ޝޯގޫ އާއި އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް އަދި ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދޮގާން ބައިވެރިވިއެވެ.

މިއެއްބަސްވުމުގެ ދަށުން ޔޫކްރޭންގައި މިހާރު ތާށިވެފައި ހުރި އެތައް މިލިއަން ޓަނެއްގެ ކާބޯތަކެތި ބޭރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ޔޫކްރޭނަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ގޮވާމާއި ކުކޮން އޮއިލް އުފައްދާ ގައުމެވެ. ހަނގުރާމައިގެ ސަބަބުން ގޮވާލުމުގެ އަގު ދުނިޔޭގެ ބާޒާރުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަމަވެސް މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ގޮވާމުގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން ރަޝިއާ އިން ވަނީ ކަޅު ކަނޑުގައި ދަތުރުކުރާ ޔޫކްރޭންގެ މުދާ އުފުލާ ބޯޓު ފަހަރަށް ހަމަލާ ނުދޭން އެއްބަސްވެފައެވެ. ނަމަވެސް ރަޝިއާ ސިފައިން އެބޯޓު ފަހަރު ޗެކް ކުރުމަށް ފުރުސަތު ދޭން އެއްބަސްވުމުގައި ރަޝިއާ އިން ވަނީ ޝަރުތުކޮށްފައެވެ. އެއީ ބޯޓުތަކުގައި ހަތިޔާރު އެތެރެ ނުކުރާނެކަމުގެ ޔަގީންކަން ހޯދުމުގެ ގޮތުންނެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތައް ފަހު ތުރުކީވިލާތުގެ ރައީސް އުރުދޮގާން ވިދާޅުވީ މިއެއްބަސްވުމާއި ސުލްހައިގެ އުއްމީދު އާވެފައިވާ ކަމަށެވެ. މިއީ ހަނގުރާމަ ނިންމާ، ދެގައުމުގެ ދެމެދުގައި އަލުން ސުލްހަ ގާއިމު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން އެހެން ވިދާޅުވި ނަމަވެސް މިއެއްބަސްވުމާއި ގުޅިގެން އަދި މިހާތަނަށް ޔޫކްރޭނާއި ރަޝިއާ ސަރުކާރުން ވާހަކައެއް ނުދައްކައެވެ. ދެގައުމުން ސުލްހައަށް އިސްކަންދީ އިތުރު އެއްބަސްވުންތަކެއްގައި ސޮއި ކުރަން އަދި މަޝްވަރާއެއް ވެސް ކުރެވެމުން ނުދާކަމަށް ރިޕޯޓްތައް ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އީރާނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މުޒާހަރާކޮށްފި

އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތައް ހާސްބަޔަކު މުޒާހަރާ ކުރާތާ ހަ ދުވަސް ފަހުން، އެ މުޒާހަރާތަކާ ...

އެމެރިކާއާ ކުރިމަތިލުމުގައި ޕާކިސްތާނާއެކު ވާނަން- ޗައިނާ

އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލުމުގައި ޕާކިސްތާނުގެ ފަހަތުގައި އޮންނާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފިއެވެ. ޕާކިސްތާނުން ޓެރަރިޒަމަށް އެހީތެރިވާކަމަށް އަދި އެމެރިކާއަށް ...

އެމެރިކާގެ އެއްވެސް އެހީއެއް ބަލައިނުގަތުމަށް ފަލަސްތީނުގެ މަދަނީ ޖަމާޢަތްތަކުން ނިންމައިފި

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އިސްރާއީލުން ނިންމި ނިންމުން ބަލައިގަތުމަށާއި އިސްރާއީލުގައިވާ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ...