މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލްް ހުށަހެޅުމަށް ނިިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގައި މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޓެކްސްގެ ނިސްބަތް ބޮޑުކުރަން ނިންމުމާއެކު އެކަމަށް އަހަރެއްހާ ދުވަސްގެ މުއްދަތު ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށާއި ނަމަވެސް މިނިސްޓްރީން ނިންމާފައި ވަނީ ހަ މަހުގެ މުއްދަތެއް ދިނުމަށް ކަމަށެވެ.
ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މަސައްކަތް ކުރަމުން މިގެން ދަނީ ޓެކްސްތައް ބޮޑުކުރުން ރަނގަޅީ ދެއަހަރު ފަހުން ކަމަށް ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ލަފާދީފައި ވަނިކޮށެވެ.