މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު މީހަކު ޖަލަށްލައި އަދި ދެވަނަ މީހާ 53،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދާއި ނ. މަނަދޫ ކެރީބިއަން އިބްރާހިމް ޖަޒްލާންގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ސެފްޓެމްބަރު މަހު ޖަލުގެ ފާރުމަތިން ފުއްމާލައިގެން އެތަނަށް ވަންނަން އުޅުނު މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް ހެކިންގެ ހެކިބަހުން ކުށް ސާބިތުވާ ކަމަށެވެ.
އެ މީހުންގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ހައްމާދު ތަންފީޒު ކުރަން ޖެހެނީ ހަތަރު މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ޖަޒްލާންގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެދިފައިވާތީ ކޯޓުން ނިންމީ 53،000ރ. އިން އޭނާ ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ ހަ މަސް ތެރޭގައި ދައްކަން އޭނާއަށް އަންގާފައިވެ އެވެ.

ކޮމެންޓްސް (0)