ނޫސްވެރިންނަށް މައުލޫމާތު ލިބުނު މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅި އެ ބިލުގައި ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކުގަ އެވެ.
އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް މިއަދު އެ ބިލު އެގޮތަށް ފާސްކުރީ 50 މެމްބަރުން ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 5 މެމްބަރުންނެވެ.
މި ބިލު ފާސް ނުކުރުމަށް ގޮވާލައި އަދި އޭގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ހާލަތްތައް އިތުރަށް ތަފްސީލްކުރުމަށް ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖެއް ވެސް ކޮށްފައިވެއެވެ. އެގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަަކީ ކޮބާކަން ރަނގަޅަށް ސާފުވާނެ ހެން ބަޔާންކުރުމަށް ގޮވާލާފައިވެއެވެ.
މި ބިލު ފާސްކުރި އިރު، މި މައްސަލާގައި ރައީސް ނަޝީދު ނޫސްވެރިންނަށް ވިދާޅުވީ ބިލާ މެދު ކަންބޮޑުވުން ފާޅުކުރަން މާ ލަސްވެއްޖެ ކަމަށާއި، ދެ އޮތް ގޮތަކީ ބިލަށް އިތުރު އިސްލާހެއް ހުށަހެޅުން ކަމަށެވެ. އެކަމަކު މި ބިލުގެ މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެމްއެމްސީން ވަނީ ކޮމިޓީގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.