“ވެންކޫވަރ އިންޓަރނޭޝަނަލް ސައުތު އޭޝިއަން ފިލްމް ފެސްޓިވަލް 2017” ގެ ޚާއްސަ މެހުމާނަކަށް އިންޑިއާގެ އެކްޓްރެސް ހުމާ ގުރެއިޝީ ހަމަޖައްސައިފި އެވެ.
ހުމާ އަކީ 2014 ވަނަ އަހަރު ވިމެންސް މެގަޒިންގެ ކަވަރ އަށް އަރާފައިވާ އިންޑިއާގެ ދުވަސްވީ ތަރިއެކެވެ.
އޭނާގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި އިނގިރޭސި ބަހުން އުފައްދާފައިވާ ފިލްމް ‘ސެރޯއީސް ހައުސް’ ހިމެނެ އެވެ.
އެއީ 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ދެބައިވެގެން ދިޔަ ދުވަސްވަރު މުސްލިމު އަންހެން ކުއްޖަކާއި ހިންދޫ ފިރިހެން ކުއްޖެއްގެ ދެމެދުގައި އުފެދުނު ލޯތްބެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލުމެކެވެ. މީގެ އިތުރުން ހުމާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި މީގެ 5 އަހަރު ކުރިން ނުކުތް، ‘ގޭންގްސްޓާސް ވައިފް’، ‘ގޭންގްސް އޮފް ވަސެޕޫރު’ ހިމެނެ އެވެ.
ހުމާ އަކީ ރީތި ކަމާއި، ހަށިގަނޑު ބައްޓަން ދަމަހައްޓަމުން އަންނަ ލޫޅާފަތި ބޮލީވުޑް ތަރިންގެ ތެރެއިން ބެލުންތެރިންގެ މެދުގައި ތާއީދު ބޮޑު ސްޓާރެކެވެ.
ނޮވެމްބަރު 16 އިން 19 އަށް ކެނެޑާގައި ބާއްވާ މި ފެސްޓިވަލުގައި ބައިނަލްއަޤްވާމީ ފިލުމުތަކާއި ކެނެޑާގެ ފިލްމުތައް ދައްކާނެ އެވެ. ވެންކޫވަރ ފިލްމް ފެސްޓިވަލު 7 އަހަރު ބައްވާފައިވާއިރު މިއަހަރުވެސް ފެސްޓިވަލް ޑައިރެކްޓަރ މަންނު ސަންދު ވިދާޅުވީ ފިލްމު އުފައްދާ މީހުންނަށް އެމީހުންގެ މަސައްކަތް ޝޯކޭސް ކުރުމަށް މިއީ ވަރަށް ރަނގަޅު ޕްލެޓްފޯމަކަށް ވެގެންދާނެކަމަށެވެ. އަދި ބައިވެރިންގެ ފަރާތުން އަބަދުވެސް ލިބެމުންދާ ތަރުހީބު ފާހަގަކުރައްވާ، ސައުތު އޭޝިއަން ތީމުތަކަށް މި ފެސްޓިވަލުގެ ސަބަބުން ބައިނަލްއަޤްވާމީ ތާއީދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފެސްޓިވަލްގައި ބައިވެރިކުރާނީ ބޮލީވުޑްގެ ކުރު ޑޮކިއުމެންޓްރީތަކާއި، ހޭލުންތެރިކޮށްދީ އުނގަންނައިދިނުމަށް ތައްޔާރުކޮށްފައިވާ ފީޗަރ ފިލުމުތަކާއި، އެކި ސަގާފަތްތައް މަސްހުނިވެގެން އުފެދޭ ތަފާތު ހާދިސާތަކާއި މައްސަލަތަކުގެ މައްޗަށް އެކުލެވޭ ފިލްމުތަކެވެ.