30 އިންސައްތައިން ރާއްޖޭގެ ވެރިކަމަށް ރައީސަކު ހަމަޖެއްސެވުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ ވިދާޅުވެއްޖެއެވެ.
“ސަންގު” ޓީވީގެ ހަބަރަށްފަހުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެންމެ 30 އިންސައްތައިން ވެރިއަކު ހަމަޖައްސަވައިފިކަމުގައި ވަނީނަމަ ބާކީ 70 އިންސައްތަ އޮންނާނީ ވެރިކަމާއި ދެކޮޅަށް ކަމުގައެވެ.
މިފަދަ ކުޑަ ގައުމެއްގައި މިހާ ކުޑަ އިންސައްތައަކުން ވެރިކަމަށް އައިސްގެން އަމާންކަމާއިއެކު ވެރިކަން ކުރެވޭނެތޯ ރޮޒެއިނާވަނީ ސުވާލު އުފެއްދެވި އެވެ. އަދި މިއީ ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާ މަޝްވަރާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރޮޒެއިނާ ވަނީ ސިފަ ކުރައްވާފައެވެ.
މިގޮތުން މިކަމުގެ “ޕްރޯސް” އަދި “ކޮންސް” ނުވަތަ ފައިދާ އާއި ގެއްލުން ބަލައި ދިރާސާތައް ހަދައި ހިޔާލު ހޯދުމުގައި ވަގުތު ހޭދަ ކުރަން ޖެހޭކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ބުއްދިވެރިގޮތެއް ނިންމޭނީ އެންމެން އެކުގައި މަސައްކަތްކޮށް، ދިރާސާގެ އަލީގައި ގޮތް ނިންމައިގެންކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިީދު ހުށައެޅުއްވި މި ހުށައެޅުމާއި ގުޅިގެން ޕާޓީގެ ބައެއް މެންބަރުންގެ ވެސް ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 30 އިންސައްތައަށްވުރެ ވޯޓު ދަށްވެއްޖެނަމަ އެންމެ ގިނައިން ވޯޓު ލިބޭ 2 ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ދެވަނަ ބުރެއް ބާއްވާގޮތަށް އުސޫލު ބަދަލުކުރުން މުހިންމު ކަމަށެވެ.
މި ވާހަކަ މިގޮތަށ މިމަނިކުފާނު ދައްކަވަނީ ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ސިޔާސީ ޕާޓީއެއް ވާދަކޮށްގެން އެމްޑީޕީއަށް 48 އިންސައްތަ ލިބިގެން ކާމިޔާބުވުމުން އެކަމާއި ވީ ކަންބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ކުރީގެ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުން ދޭހަ ވެގެންދަނީ ރާއްޖެ ބަރުލަމާނީ ނިޒާމައް ބަދަލުވުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި އެމަނިކުފާނު ދެކިލައްވާ ކަމެވެ.
މަސްދަރު : ސަންގު