މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން: ރައީސް

advertisement

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށެވެ.

މިއީ 56 ޕަސެންޓްގެ ކުރިއެރުމެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކޮށް، ދަރިން ބިނާކުރަނީ އެދުރުން ކަމަށާއި އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.

ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި ُ20 ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދާދެވިއްޖެކަމަށާއި މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން ދަނީ ބިނާ ކުރަމުން ކަމަށާއި މި ދައުރުގައި 23 ސްކޫލެއް އެއްދަން ފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިއްޖެ ކަމަށެވެ.

“ނިމިދިޔަ އަހަރު 22 ސްކޫލެއްގާ 117 ކްލާސް ރޫމާ 6 މަލްޓިޕަރޕަސް ހޯލް އިމާރާތްކޮށް ނިންމުނު. އަދި އިތުރު 55 ސްކޫލެއްގާ 473 ކްލާސްރޫމާ 27 މަލްޓިޕަޕާސް ހޯލްގެ މަސައްކަތް އެދަނީ ހިނގަމުން . މިކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ.” ރައީސް ވިދާޅުވި އެވެ.

Next: ޓާޝަރީ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ: ރައީސް