ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދާފައިވަާ ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި ފިލްމީ ތަރި މެގަން މާކެލްގެ ‘ބްރައިޑްސް މެއިޑް’ އަކަށް ވެދާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.
މިއަޑުތައް ފެތުރެން ފެށީ 250,000 އަށް ވުރެ ގިނަ އީމެއިލް ނުބަލާ އޮތް ކަން ޕްރިޔަންކާގެ ފޯނުން ފެނިގެން އެކަން އެނގޭ ގޮތަށް މީހަކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމުކުރުމާ އެކު އެވެ. ބައެއް މީހުން ބުނާ ގޮތުގައި ޝާހީ ކައިވެނީގެ ދައުވަތުވެސް ޕްރިޔަންކާއަށް އީމެއިލުން ލިބިފައިވުން އެކަށީގެންވެ އެވެ.
އިނގިރޭސިވިލާތުގައި ޝާހީ ކައިވެނި ހަފްލާ އަންނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާއިރު ހޮލީވުޑްގެ ބަތަލާ މެގަން މާކެލްއާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފްލާއަށް މަޝްހޫރު ގިނަ ބަޔަކަށް ދައުވަތު ދޭނެ ކަމަށް ބެލެވެ އެވެ.
އެހެންނަމަވެސް އޭގެ ތެރެއިންވެސް ހާއްސަ މީހެއްގެ ގޮތުގައި ޕްރިޔަންކާ ފެނުން އެކަށީގެންވާ ކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. މެގަންގެ ކައިވެނި ޕާޓީގައި ބްރައިޑްސް މެއިޑަކަށް ވުމަށް މެގަން ހުށަހަޅާފައިވާ އެކަކީ ޕްރިޔަންކާ ކަމަށް އަޑުތައް ފެތުރިފައިވާއިރު މި ދެ ތަރިންނަކީ ފަހަކަށް އައިސް ވަރަށް ގާތް ގުޅުންތަކެއް ބާއްވާ ދެތަރިންކަން ސޯޝަލް މީޑިއާއިން ފާހަގަކުރެވެ އެވެ.
މެގަންއާއި ހެރީ އެންގޭޖްވީ ކަން އިއުލާނުކުރުމުން ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި މެގަންއަށް މަރުހަބާ ކިޔާފަ އެވެ. ޕްރިޔަންކާއާއި މެގަން ފުރަތަމަ ބައްދަލުވީ ޓޮރޮންޓޯގައި އޮތް ޕާޓީއަކުންނެވެ. އޭގެފަހުން އެ ދެމީހުން އެކުގައި ނަގާ ފޯޓޯތައް ދެމީހުންވެސް އިންސްޓަގްރާމްގައި ޝެއާ ކުރެ އެވެ. ފަހަކަށް އައިސް ޝޯޝަލްމީޑިއާގައި މި ދެމީހުން އެކަކު އަނެކަކަށް މުހާތަބު ކޮށްފައި ހުންނަނީ “މައި ބޭބް” ނުވަތަ “މައި ގާލް” މިހެންނެވެ.
ޕްރިޔަންކާއަށް ބްރައިޑްސް މެއިޑަކަށް ވުމަށް ދައުވަތު ލިބިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު ޖެސިކާ މާލްރޮނީ އަށް ވެސް މި ދައުވަތު ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މީގެ އިތުރުން ބްރައިޑްސް މެއިޑުންގެ ލިސްޓުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަންމްސް އަށް ޖާގަ ލިބުންވެސް އެކަށީގެންވެ އެވެ. އޭނާ އަކީ މެގަންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި 2014 ވަނަ އަހަރުން ފެށިގެން ހިމެނޭ ހާއްސަ އެކުވެރިއެކެވެ.
ކޮމެންޓްސް (0)