ބޮލީވުޑްގެ އެކްޓްރެސް ސޯހާ އަލީ ހާން އަށް އޭނާގެ މައިންބަފައިން އެއްވެސް އިރެއްގައި އެކްޓްކުރުމަށް ހިތްވަރު ނުދޭ ކަމަށް އޭނާ ބުނެފި އެވެ. އެހެންނަމަވެސް އޭނާގެ ހިތް އެދޭ ގޮތަށް މަސައްކަތް ކުރުމަށް އެއްވެސް ވަރަކަށް މައިންބަފައިން ހުރަސް ނާޅާ ކަމަށްވެސް ސޯހާ ބުންޏެވެ.
ސޯހާގެ މައިންބަފައިން ހީކުރީ އެކްޓް ކުރުމަށްވުރެ އޭނާ މާ ހިތްހަމަޖެހޭ އެހެން ކަމެއް އޮންނާނެ ކަމަށެވެ. ސޯހާ އަކީ ކުރީގެ ބޮލީވުޑްގެ އެކްޓްރެސް ޝަރްމިލާ ޓެގޯ އާއި މަންސޫރު އަލީ ހާން ޕަތައުޑީގެ އެންމެ ހަގު އަންހެން ދަރިފުޅެވެ.
އޭނާގެ މައިންބަފައިން ހީކުރީ ސޯހާގެ މިޒާޖު ހުންނަ ގޮތުން ހިންދީ ފިލުމުތައް ކުޅުމަކީ އޭނާއާ އެހާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި ފިލްމު އިންޑަސްޓްރީގައި އޮންނަ ވާދަވެރިކަމުގެ ތެރޭގައި ސޯހާއަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި، އޭނާއާ ގުޅޭނީ އެހެން މަސައްކަތެއް ކަމަށް މައިންބަފައިންނަށް ގަބޫލު ކުރެވުނު ކަމަށް ސޯހާ ބުންޏެވެ. އެހެންކަމުން މައިންބަފައިންގެ ވިސްނުމާ އެއްގޮތަށް ހަރުދަނާ ވަޒީފާއެއް އަދާ ކުރުމަށް ސޯހާ ވަނީ ސިޓީގުރޫޕްގައި ޕްރައިވެޓް ބޭންކާއެއްގެ މަގާމު އަދާކޮށްފަ އެވެ. އެއީ ހަމައެކަނި މައިންބަފައިން ފަހުރުވެރި ކޮށްދިނުމަށް އޭނާ ކުރަން ފެށި ކަމެކެވެ. ހާއްސަކޮށް ސޯހާގެ ބައްޕަ އުފާކޮށްދިނުމަށެވެ.
“ބައްޕަ އަބަދުވެސް ބޭނުންވީ އަހަރެން ކޯޕަރޭޓް ދާއިރާގައި މަސައްކަތް ކުރަން. އެހެންވެ ޓްރައި ކުރީ އެކަމަކު އެއީ އަހަރެން ހިތް އެދޭ ގޮތް ނޫންކަން އެނގުނީމާ ފިލުމި ދާއިރާގައި މަސައްކަތް ކުރަން ފެށީ. މިއީ އުނދަގޫ ނިންމުމެއް. މައިންބަފައިންވެސް ވަރަށް ނުރުހޭނެ ކަން އެނގުނު،” ސޯހާ ބުންޏެވެ.
އެކަމަކުވެސް މައިންބަފައިން ބޭނުންވީ ސޯހާ އުފަލުގައި ބަހައްޓަން ކަމަށާއި، އެމީހުންނަކީ ވަކި ކަމެއް ނުކުރުމަށް ނުވަތަ ވަކި ކަމެއް ކުރުމަށް ސޯހާއަށް އަމުރު ކުރާ ބައެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
“ރަންގް ޑީ ބަސަންތީ” އާއި “ތުމް މިލް” އާއި “ގޯ ގޯއާ ގޯން” ފަދަ ފިލުމުތައް ކުޅެފައިވާ ސޯހާ އަކީ ފިލުމީ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް ތައުލީމަށް ވަރަށް އިސްކަންދޭ މީހެކެވެ. އަދި އާއިލާގެ އެންމެންނަށްވެސް ތައުލީމު ހާސިލް ކުރުމަށް ބާރު އަޅާއިރު އޭނާގެ މަންމަ ޝަރްމިލާ އަކީ ވެސް މާސްޓާސް ޑިގްރީ އާއި ހަމައަށް ކިޔަވާފައިވާ މީހެކެވެ.
ބޮލީވުޑްގައި މަޝްހޫރުވި ޝަރްމިލާމެންގެ ޒުވާން ދުވަސްވަރާ ބަލާފައި މާސްޓާސް ފެންވަރަށް ކިޔަވައިގެން ތިބޭ އަންނެހުން އޭރު އިންޑިއާގައި ވަރަށް މަދުވާނެ އެވެ.
ސޯހާ ބުނީ އޭނާގެ އާއިލާއަކީ ތައުލީމަށް ވަރަށް އިސްކަންދޭ ބައެއް ކަމަށާއި، އޮކްސްފޯޑް ޔުނިވަސިޓީއަށް ކިޔަވަން ދިއުމަކީ އޭނާގެ އާއިލާއިން ގެންގުޅުނު ‘ސަގާފަތެއް’ ކަމަށެވެ. އެގޮތުން ކާފަ އާއި ބައްޕަވެސް އެ ޔުނިވަސީން ތައުލީމު ހާސިލު ކުރިކަން ފާހަގަކުރަމުން ސޯހާ ބުނީ އޭނާވެސް އެ ޔުނިވަސިޓީން ކިޔަވަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅުވެސް އެ ޔުނިވަސިޓީއަށް ފޮނުވަން ބޭނުން ކަމަށާއި، އެހެންނަމަވެސް ދަރިފުޅަށް އެކަމަށް މަޖުބޫރު ނުކުރާނެ ކަމަށެވެ.
މިހާރު މަޔަކަށްވުމުގެ އުފާވެރިކަން އިހްސާސް ކުރަމުންދާ ސޯހާ ބުނީ އަނެއްކާވެސް ވަރަށް އަވަހަށް ސްކްރީންތަކާ ހަމައަށް އައުމަށް އުއްމީދު ކުރާ ކަމަށާއި، ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސޯހާ އާއި އޭނާގެ ފިރިމީހާ އެކްޓަރު ކުނާލް ކެންމޫއަށް އަންހެން ދަރިފުޅެއް ލިބިފައިވާއިރު އެ ދަރިފުޅަށް ދީފައިވާ ނަމަކީ އިނާޔާ ނައުމީ ކެންމޫ އެވެ.