ހުޅުދޫއާއި މީދުން އިތުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 61 އަށް އަރައިފި

advertisement

ހުޅުދޫއާއި މީދުން އިތުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.

ހުޅުދުއާއި މީދުން އިތުރު 21 މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ ހުޅުމީދޫ ސިއްހީމަރުކަޒު ހިންގުމާއި ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރުއެވެ.

” މިއަދު ހުޅުމީދޫން 21 ބޭފުޅުން ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ ، އަދަދު މިދަނީ ރާސްލާފައި މައްޗަށް . ކޮންޓްރޯލް ކުރެވޭނީ އެންމެންގެ އެއްބާރު ލިބިގެން ، ބަންދުވެގެން ތިބުން އެހާ ފަސޭހައެއް ނޫން “

އިބްރާހިމް ޒުބައިރުގެ ފޭސްބުކް ޕޭޖްގައި އެބޭފުޅާ ލިއުއްވާފައިވެއެވެ.

އިއްޔެ ހުޅުދޫއާއި މީދުން 21 މީހުންނާ ޕޮޒިޓިވް ވުމާއެކު ފާއިތުވި 5 ދުވަހުގެތެރޭގައި ހުޅުދޫއާއި މީދުން 61 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

އިބްރާހިމް ޒުބައިރުގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިއުއްވުން

އައްޑޫ އިމެޖެންސީ އޮޕްރޭޝަން ސެންޓަރުން އައްޑޫގެ ކޮވިޑްގެ ހާލަތާއިބެހޭ ގޮތުން ކޮންމެ ދުވަހަކު ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް ހާމަކުރަމުން އަންނަ ތަފްސީލް އިއްޔެ ހާމަކޮށްފައިނުވާތީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކިހާއަދަދެއްކަން ސާފްވާގޮތެއް ނުވިއެވެ.

ހުޅުދޫއާއި މީދުން އިތުރު 21 މީހުން ޕޮޒިޓިވްވެފައިވާއިރު ބުދަދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ  އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑްޓެސްޓް ކުރުމަށް ނެގުނު 7005 ސާމްޕަލްތަކުގެ ތެރެއިން 816 މީހެއްގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

  ޕޮޒިޓިވްވި 816 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 413 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 249 މީހުންގެ އިތުރަށް ރިސޯޓްތަކުން 92 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 100451 އަށް އަރާފައެވެ. މީގެތެރެއިން 95056 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 5118 މީހުންނެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 25 މީހުންނަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން 264 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

Next: މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނި ޖަލު ކުއްލި ހާލަތަށް މިއަދު ގެންނަނީ