ހޮލީވުޑްގައި ހިންގަމުންދާ ޖިންސީ ފްރައްސާރައިގެ އަމަލުތަކުގެ ވާހަކަތައް ފެންމަތިވި ފަހުން ފުރަތަމަ ބޭއްވި ބޮޑު އެވޯޑް ހަފްލާއަކީ ގޯލްޑަން ގްލޯބްސް އެވެ.

ގޯލްޑަން ގްލޯބްސް އެވޯޑް ހަފްލާގެ 75 ވަނަ އަހަރު ފާހަގަކުރި އިރު މިފަހަރުގެ ހަފްލާ ވަރަށްވެސް ތަފާތެވެ. ހަފްލާއަށް ހާޒިރުވި ހުރިހާ ތަރިންވެސް ހެދުން އަޅައިގެން ތިބީ ކަޅުކުލައިންނެވެ. އަދި ގިނަ ފިރިހެނުން ތިބީ އެމީހުންގެ ކޯޓްގައި ‘ޓައިމްސް އަފް’ ޖަހާފައިވާ ޕިނެއް ޖަހައިގެންނެވެ.

މި ހަފްލާގައި ލައިފް ޓައިމް އެވޯޑް ހާސިލްކުރި އޯޕްރާ ވިންފްރީ އާއި ހަފްލާ ހުށަހަޅައިދިން ޕްރެޒެންޓަރު ވެސް މިއަހަރުގެ ގޯލްޑަން ގްލޯބްސް ހާއްސަ ކުރީ ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށެވެ.

‘މުޅިން އާ ދުވަހެއް’ ފެށިއްޖެ ކަމަށް ބުނެ ޖިންސީ އަމަލުތަކުގެ ޝިކާރައަށް ވެފައިވާ އަންހެނުން އަޑު އުފުލަންވީ ވަގުތު ޖެހިއްޖެ ކަމަށް އޯޕްރާގެ ވާހަކައިގައި ވަނީ ބުނެފަ އެވެ. އެވޯޑް ހަފްލާގައި ވަރަށް ދިގުކޮށް ވާހަކަ ދައްކަމުން އޯޕްރާ ބުނީ ތެދުބަހުން ވާހަކަ ދެއްކުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވަ އެންމެ ބާރުގަދަ ހަތިޔާރު ކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން އަންހެނުން ގަބޫލުކުރަމުން އައީ ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ ތެދު ހާމަކުރުމުން ފިރިހެނުންގެ ބާރު މާގަދަވާނެ ކަމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު އެފަދަ އަމަލުތައް ހިންގާ ފިރިހެނުންގެ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށްވެސް ބުންޏެެވެ.

ގޯލްޑަން ގްލޯބް އެވޯޑް ހަފްލާގެ ތެރެއިން – ފޮޓޯ: އޭއެފްޕީ

 

ހޮލީވުޑްގެ އެކްޓްރެސް ލައުރާ ޑާން އިސްނަގައިގެން ފަށަފައިވާ ކެމްޕޭން “ޓައިމްސް އަފް’ އަށް ބާރުދީ، އަންހެނުންނަށް ހިތްވަރު ދެމުން އޯޕްރާ ބުނީ މިފަދަ ވާހަކަތައް ނުދައްކާ ހަމަހިމޭނުން ތިބުމުގެ ސަގާފަތަކީ އާދާއިގެ ކަމެއް ކަމަށް ބެލިޔަސް މިހާރު އެންމެންވެސް އެމީހުންގެ ދަރިންނަށް ދަސްކޮށްދެންވީ އެގޮތް ނޫން ކަމަށެވެ.

ހަފްލާ ހުށަހަޅައިދިން ސެތް މޭޔާސް މި ހަފްލާ ފެއްޓީވެސް ޖިންސީ ފުރައްސާރައަށް މިއަހަރު ފުރުސަތު ނެތް ކަމަށް ބުނަމުންނެވެ. އަދި ހަފްލާއަކީ ޖިންސީ ފުރައްސާރައާއި ދެކޮޅަށް ބާއްވާ ހާއްސަ ހަފްލާއެއް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން އެވޯޑް ހާސިލްކުރި ގިނަ ތަރިން ވަނީ ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑުއުފުލުމަށް އަންހެނުންނަށް ހިތްވަރުދީ ވާހަކަ ވެސް ދައްކާފަ އެވެ.

 

Next: ޓެމިލް ނާޑޫގައި އޭއާރް ރަހްމާނުގެ ޝޯއެއް ބާއްވަނީ