ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ފުލުހުން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.
މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން އެމްޑީޕީން އިއްޔެ ސަލްޓަންޕާކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ “އިންޑިއާ އައުޓް” ޖަހައިގެން ރައީސް ޔާމީން ނިކުންނެވުމުން ދިވެހި ރައްޔިތުން ލަދުގަންނާނެ ކަމަށެވެ. އަދި ހުދު ނަޝީދުވެސް އެފަދަ ކަމެއް ކުރައްވައިފި ނަމަ އެމްޑީޕީގެ މެންބަރުން ވެސް ލަދު ގަންނާނެ ކަމަށް ވިދާޅުވިއެވެ.
“ބައްލަވާށޭ ޖައްސަވައިގެން ތިޔަ ހުރި އެއްޗެއް ވެސް. އެހެން ދަންނަވާން ވެސް އުނދަގޫފުޅުވާނެ،”
ނަޝީދު ވިދާޅުވިއެވެ
ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާއި ހިލާފު ކަމެއް ކަމަށެވެ. ތަހުޒީބު އެއްވެސް ޑިމޮކްރެސީއެއްގައި މިކަން ނުހިނގާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސާލަކަށް އިނގިރޭޭސި ވިލާތުގެ ބޮޑަވަޒީރަކު، އޭނާގެ މުޅި މޭމަތި ފުރެންދެން، ފްރާންސް އައުޓް، ޖަހައިގެން ގޮސް ލަންޑަނު މެދުގައި ހަޅޭއްލަވަމުން ދުވެވިދާނެ ހެއްޔޭ؟ ނުވެވޭނެ،”
ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މީގެކުރިން ވެސް ތަފާތު އެކި ފޯރަމްތަކުގައި އިންޑިއާއާ ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދިފާއު ކުރައްވާފައެވެ. އެގޮތުން އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭ ކަމަށާއި އެއީ މިއަދުގެ ލާމެހިފައިވާ ދުނިޔޭގައި ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
މަސްދަރު: ހަތާވީސް
advertisement
ކޮމެންޓްސް (0)