އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވެ އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ

ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ

އުމަރު ޒާހިރުގެ އާއިލާއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކުރި ޓެސްޓަކުންނެވެ. އަދި ހާލު ސީރިއަސްވެ މިހާރު ފަރުވާ ހޯދަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށް އޮކްސިޖަން ގުޅައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުވައްމުލަކުގައި އޭނާގެ އަމިއްލަ ހަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް ފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ ހުމުގެ އާލާސްކަންފުޅާ އެވެ. އެ ދަތުރުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިހާރު އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ.

އޭނާއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު އެވެ.

advertisement
Next: އޭސީސީގެ މެންބަރުން ވަކިކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ