ކުރިން ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި އޮތް ސާބިއާގެ ނޯވަކް ޖޮކޮވިޗް އަނިޔާއިން ސަލާމަތްވެ، އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ޖޮކޮވިޗް ހަމަސް ދުވަހަށް ކުޅުމާ ދުރުގައިހުރީ އޭނާގެ އުޅަބޮށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާއާ އޭނާ ކުރިމަތިލީ މިދިޔަ އަހަރުގެ ޖުލައިމަހު ވިމްބަލްޑަން މުބާރާތުގެ ކުއާޓާ ފައިނަލުގައި ތޯމަސް ބާޑިޗްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ދުނިޔޭގެ 14 ވަނަ އަށް މިހާރު ސީޑްކޮށްފައިވާ ޖޮކޮވިޗް އަނިޔާއިން އެނބުރި އައިސް ވާދަކުރީ ކޫޔަންގް ކްލެސިކްގައެވެ. އެގޮތުން އޭނާވަނީ ޑޮމެނިކް ތީމްއާ ވާދަކޮށް 1-6 އަދި 4-6 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ.
ޖޮކޮވިޗް އެނބުރި ކުޅުމުގެ ތެރެއަށް އައުމުން ގިނަ ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އޭގެތެރޭގައި މަޝްހޫރު ޓެނިސް ކުޅުންތެރިންވެސް ހިމެނެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ އަންނަ ހަފްތާގައި ފަށާ ގްރޭންޑް ސްލޭމް މުބާރާތުގައި އޭނާ ވާދަކުރާނެ ކަމަށާއި، ކުރިން އެކަމާމެދު ޝައްކު އޮތް ނަމަވެސް މިހާރު ކުޅެން ތައްޔާރަށް ހުރިކަމަށެވެ.
ގްރޭންޑް ސްލޭމް 12 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖޮކޮވިޗް ބުނީ އޭނާ 100 އިންސައްތަ ފިޓްނޫން ނަމަވެސް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާނެ ކަމަށާއި، މިހާރުވެސް މުބާރާތުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.