އޮމިކްރޯން ވޭރިއަންޓް ސްރީ ލަންކާއިންވެސް ފެނިއްޖެ

advertisement

އޮމިކްރޯން ވޭރިއަންޓްގެ ކޭސްއެއް ސްރީލަންކާއިންވެސް ފެނިއްޖެވެ.

ސްރީ ލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑު (އެޗްޕީބީ) އިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ލަންކާގެ އެޗްޕީބީ އިން ބުނީ އޮމިކްރޯން ވޭރިއަންޓް އެޤައުމުން ފެނިފައިވަނީ ދެކުނު އެފްރިކާއިން އެތެރެވި މީހެއްގެ ފަރާތުންކަމަށެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިކަމާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ބުނެފައެވެ.

ލަންކާއަކީ ގިނަ ޢަދަދަކަށް ދިވެހިން ގޮސް އުޅޭ ޤައުމެކެވެ. އަދި އެޤައުމުގައި ދިވެހިން ގިނަ ޢަދަދަކަށް ދިރިއުޅެމުންވެސް އާދެއެވެ. ކޯވިޑް-19އާއި ގުޅިގެން އެޤައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލުމުން އަނެއްކާވެސް ދިވެހިން އަންނަނީ އެޤައުނަށް ދަތުރުކުރަމުންނެވެ.

ލަންކާއިން އޮމިކްރޯން ވޭރިއަންޓް ކޭސްއެއް ފެނިފައިވާއިރު އަވަށްޓެރި އިންޑިއިންވެސް އޮމިކްރޯން ފެނިގެން ރިޕޯޓްކޮށްފައިވެއެވެ. އިންޑިއާ އަށް އެތެރެވި ދެ ފިރިހެނެއްގެ ހަށިގަނޑުން އޮމިކްރޯން ވޭރިއެންޓު ފެނިފައިވާ ކަމަށް އެޤައުމުން ވަނީ ބުނެފައެވެ. ދެ މީހުންނަކީ ވެސް އެހެން ގައުމެއްގެ ރައްޔިތުންނެވެ.

މިދިޔަ އޭޕުރިލް އަދި މެއި މަހުގެ ތެރޭގައި އިންޑިޔާގައި ވަރަށް ބޮޑަށް ކޯވިޑް-19 ފެތުރުނެވެ. އެހެންކަމުން އޮމިކްރޯން ފެތުރެން ފަށައިފިނަމަ އަނެއްކާވެސް ބަލިމަޑުކަމުގެ ނުރައްކާތެރި އިތުރު ރާޅަކާ އެ ޤައުމުން ކުރިމަތިލާން ޖެހޭނެކަމުގެ ބިރުވެރިކަންވަނީ ހީވެފައެވެ.

އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން ބުނެފައިވަނީ ކޯވިޑް-19ގެ އެ ވައްތަރަކީ އޭގެ ކުރިން ފެނުނު އެންމެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓަށްވުރެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށެވެ. އެ ގޮތުން ކުރިން ކޯވިޑް-19 ޖެހި ފަސޭހަވެފައިވާ މީހުންނަށާއި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނަށްވެސް އޮމިކްރޯން ޖެހޭކަމަށް އެ ޤައުމުން ބުނެފައިވެއެވެ. އޮމިކްރޯން ފެތުރެން ފެށުމުން ދެކުނު އެފްރިކާގައި މިހާރު ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ބަލިޖެހެއެވެ. މީގެ ދެ ދުވަސް ކުރިން އެ ޢަދަދު ހުރީ 2،800ގައެވެ. އަދި މީގެ ދެ ހަފުތާ ކުރިން އެ ޢަދަދު ހުރީ 300އަށްވުރެ ދަށުގައެވެ.

advertisement
Next: ކޮވިޑް-19: އައްޑޫސިޓީން އިތުރު 04 ކޭސް