އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ކޮންމެ ނިންމުމެއްވެސް އޭނާ ނިންމަނީ ކްލަބުގެ ފައިދާއަށް ކަމަށާއި، 21 އަހަރު ވަންދެން މެދުނުކެނޑި ކްލަބުގެ ކޯޗުގެ ގޮތުގައި ދެމިހުރީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ.

ވެންގާ ބުނީ ކްލަބުގެ ކޯޗު ގޮތުގައި އެހެން މީހަކު ހުރި ނަމަވެސް ނިންމުންތައް ނިންމާނީ ކްލަބަށް ފައިދާވާ ގޮތަށް ކަމަށާއި، އެގޮތުން އޭނާ ކުރިޔަށް އޮތް އަހަރުވެސް ކްލަބުގެ ކޯޗުގެ ގޮތުގައި ދެމިހުންނަން ތައްޔާރަށް ހުރި ކަމަށެވެ.

އާސެނަލްގެ ކޯޗުކަމާ 1996 އަހަރު ހަވާލުވި ވެންގާ ވަނީ އެ ކްލަބާއެކު ހެދި އެއްބަސްވުން މިދިޔަ އަހަރު 2019 ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި ވެންގާގެ އެއްބަސްވުން އާސެނަލްއިން ދެން އަލެއް ނުކުރާނެއެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު 1209 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ 694 މެޗުންނެވެ. ބާކީ 278 މެޗުން އެ ޓީމު އެއްވަރުވިއިރު 237 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ވެންގާ ވަނީ އާސެނަލްއަށް ތިން ފަހެރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދީފައެވެ. އަދި އޭނާގެ އިރުޝާދު ދަށުން އެ ޓީމުވަނީ ހަތް ފަހަރު އެފްއޭކަޕް ހޯދާފައެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ މީގެކުރިން އޭއެސް މޮނާކޯއަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އޭނާވަނީ އެކްލަބަށް ލީގު ތަށި އެއްފަހަރު އަދި ލީގު ކަޕް އެއްފަހަރު ކާމިޔާބުކޮށް ދީފައެވެ.

Next: ބާސާ ދޫކޮށްލުމަށްފަހު ޓުރާން ތުރުކީގެ ކްލަބަކަށް ބަދަލުވެއްޖެ