ރައްޔިތުންގެ ހިތުގައި އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމުގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިގޮތަށް މި ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެވޭގޮތަށް ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމަކީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއްކަމަށް ތުހުމަތުކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ
އެ ޓްވީޓްގައި އިތުރަށް ރޮޒޭ ވިދާޅުވީ މާދަމާ ޕީޕީއެމްއަށް ވެރިކަން ލިބޭއިރަށް އަނެއްކާވެސް ތިބޭނީ އިންޑިއާއެކު އަނެއް އެއްބަސްވުން ހަދައިގެންކަމަށެވެ.
މާދަން ވެރިކަން ލިބުނަސް ޕީޕީއެމް މީހުން ތިބޭނީ ހަމަ އަނެއްކާ އިންޑިއާއާ އެކީގަ އަނެއް އެގްރިމަންޓެއް ހަދައިގެން. ކުރިންވެސް ޕީޕީއެމް އިން ހެދި އެގްރީމެންޓެއް އުތުރު ތިލަފަޅު އެގްރިމަންޓަކީވެސް. ރައްޔިތުންގެ ހިތުގަ އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. – ރޮޒެއިނާ
ރޮޒައިނާ ވަނީ، ސިޔާސީ ބޭނުމަށް ދޮގުހަދައި ރައްޔިތުންނާއި އަވައްޓެރި ޤައުމުތަކާ ޖައްސަން މަސައްކަތްކޮށްގެން ވާނީ ކޮން މޮޅެއްތޯ ސުވާލުކުރައްވާފައެވެ. ރައްޔިތުން “ގުނބޯ” ހައްދައިގެން އިންޑިއާ އައުޓް ގޮވަމުން ދުވާ ލީޑަރުންނަށް މިޤައުމުގެ މިނިވަންކަމަށް އެއްވެސް ނުރައްކަލެއް ނެތްކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އިއްޔެވެސް ވަނީ ހިނގާލުމެއް ބާއްވާފައެވެ. ސުލްހަވެރިކަމާއެކު ބޭއްވި އެ ހަރަކާ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަންވެސް ވަނީ އައިސްފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ، އެ ގައުމުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާށެވެ. އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ.
ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.
ކޮމެންޓްސް (0)