ދުނިޔޭގެ ކާބޯތަކޭތީގެ ދުވަސް މީދޫގައިވެސް ފާހަގަ ކުރުމުގެ ގޮތުން ” ފެހި މީދޫ” މިޝިއާރުގެ ދަށުން މީދޫ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން އިއްޔެ ހަވީރު ގަސް އިންދުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.
މިޕްރޮގުރާމް ފައްޓަވައި ދެއްވީ މީދޫ އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އައްޝެއިޚް އަބްދުﷲ ހާނީއެވެ. މިޕްރޮގުރާ ފެށުމުގެ ރަސްމިއްޔާތުގައި ނަލަފެހި ޖަމްއިއްޔާގެ ބައެއް އިސްވެރީންނާއި މީދޫ އޮފިހުގެ ޑިރެކްޓަރ މާނާ މުމްތާޒުގެ އިތުރަށް މީދޫ ކައުންސިލަރު ސޯލިހާވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަދި މީގެ އިތުރަށް ސައުތު އީސްއޭޝިޔާ ރީޖަނަލް އޮފީހުގެ ރީޖަނަލް އެޑްވައިޒަރ ފޯރ ވޯޓަރ ސެނިޓޭޝަން އެންޑް ކްލައިމެޓް ޗޭންޖް ހުސެން ރަޝީދުވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ނަލަފެހި އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގުރާމްގެ ދަށުން އިއްޔެ ގަސްއިންދާފައި ވަނީ މީދޫ ޓުއަރިޒަމް ޒޯންގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ސަރަހައްދުތަކުގެ ތެރެއިން ޒެން ހޮޓަލުގެ ހުޅަގުފަރާތުގައިއޮތް ބިމުގައެވެ.
އިއްޔެ ފެށުނު ގަސްއިންދުމުގެ މިޕްރޮގުރާމްގެ ދަށުން ކުރިއަތް އޮތް ހަފްތާގެ ތެރޭގައި އިތުރު ގަސްތަކާއި ރުއްތައް އިންދުމަށް ހަމަޖެހިފައިވާކަމަށް ނަލަފެހި ޖަމްއިއްޔާގެ ފަރާތުން ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.
ނަލަ ފެހި ޖަމްއިއްޔާއިން އިތުރަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ،މިޕްރޮގްރާމްގެ ދަށުން މައިގަޑު ގޮތެއްގައި އިންދުމަށް ހަމަޖައްސާފައިވަނީ ރަށުގައި މިހާރު މަދުވަމުން އަންނަ ބަބުކެޔޮ ގަހާއި ކަށި ކެއުގަސް ކަމަށެވެ. އަދި މީގެ އިތުރަށް ރަށުގެ ބައެއް ސަރަހައްދު ތަކުން ރުއް މަދުވަމުންދާތީ މި ޕްރޮގްރާމްގެ ދަށުން ރުއްތައް މަދުވަމުންދާ ސަރަހައްދުތަކުގައި ރުއްތައް އިންދުމަށްވެސް ހަމަޖެހިފައިވާކަމަށް ނަލަފެހި ޖަމްއިއްޔާއިންވަނީ މައުލޫމާތު ދެއްވާފައިވެއެވެ.
ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން އިއްޔެ ފެށުނު ގަސްއިންދުމުގެ މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގަސް އިންދުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި ގިނަ އަދަދެއްގެ ރުކާއި 100 ކަށި ކެޔޮ ގަހުގެއިތުރަށް 50 ބަބުކެޔޮ ގަސް ތައްޔާރު ކުރެވިފައިވާކަމަށްވެސް ނަލަފެހިން މައުލޫމާތު ދީފައިވެއެވެ.