މެޗްގެ 6 ވަނަ މިނިޓްގައި ހައިޝަމް ނަގައިދިން ހުރަހެއްގައި ފޮނުވާލި ބޯޅަ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފޯވާޑް އަލީ އަޝްފާގް ކާމިޔާބުކޮށްދިން ލަނޑުން އާދީއްތަ ދުވަހުގެ ހަވީރު ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުން ރާއްޖޭގެ ޓީމް މޮޅުވެ ފައިނަލް އަށް ދިއުމުގެ އުއްމީދު ބޮޑު ކޮށްފިއެވ
މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އެއްނަމްބަރު ކީޕަރު މުޙައްމަދު ފައިސަލްއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅެން އަރާފައި ވަނީ މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ޤައުމީ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތެއް ލަންކާ ޓީމަށް ތަނަވަސް ކުރެވިފައިނުވާއިރު، ފުރަތަމަ ހާފުގައި އެ ޓީމު ކުޅެފައިވަނީ ފަހަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެންކަން ފާހަގަކުރެވުނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ރާއްޖެ ޓީމުން ވަނީ ކައިރިކައިރީގައި ލަންކާގެ ގޯލަށް ގިނަހަމަލާތަކެއް ފޮނުވާލާފައެވެ. ހަމްޒާ ފޮނުވާލި ބާރު ހަމަލާ ލަންކާގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެ ކުޑައިރުކޮޅެއްފަހުން ދަގަނޑޭ ފޮނުވާލި ހަމަލާ މަތަކޮށްފައި ވަނީ ލަންކާގެ ކީޕަރެވެ. އަދި މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރާއިފްއަށް ވެސް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މެޗުގެ ފަހު ދިހަ މިނެޓުގައި ލަންކާ ޓީމުން ވަނީ ކުރިއަށް ޖެހި ރާއްޖޭގެ ޓީމަށް ބާރު ބޮޑުކޮށް ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ތަނަވަސް ކޮށްފައެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަންކާގެ ފަޒަލް ފޮނުވާލި ހަމަލާ ވަނީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައެވެ.
މިމެޗުން މޮޅުވުމާއިކު ރާއްޖެއާއި ނޭޕާލްއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ގޮތުން ރާއްޖެއަށް ވަނީ 1 ވަނަ ލިބިފައެވެ.