އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވިޓެއްގައެވެ.
” މަރުހަބާ އަބްދުﷲ ޝާހިދު ، މަނިކުފާނު ރާއްޖެއަށް ތިޔަ ހޯއްދަވާދެއްވި ޝަރަފަކީ މަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއް ” މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ޖުމްހޫރީ މައިދާނުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ޝާހިދަށް ދިވެހި ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފަ އެވެ. އެ ލަގަބު ޝާހިދުއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގުވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ.
ޝާހިދުއަށް ދިވެހި ސަރުކާރުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވަނީ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގަތުމުގެ ޝަރަފެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ރާއްޖޭގެ ބޭފުޅަކު ހޮވުނު ފުރަތަމަ ފަހަރެވެ.