ކައިވެންޏަށް ވަގުތެއް ނެތް

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކެޕްޓަން ވިރާތު ކޯލީގެ ކައިވެންޏަށް ފަހު މިހާރު އެންމެ ގަދައަށް ވާހަކަ ދެކެވެނީ އުއްމީދީ ބަތަލާ ސޯނަމް ކަޕޫރާއި އާނަންދް އަހުޖާގެ ކައިވެނީގެ ވާހަކަ އެވެ.

އޭޕްރީލް މަހުގެ ތެރޭގައި މި ދެލޯބިވެރިން ކައިވެނި ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބެއް ދިނުމަށް ސޯނަމް ވަނީ މީގެ ކުރިން ދެކޮޅު ހަދާފަ އެވެ. އެހެންކަމުން އެ ދެ މީހުންގެ ކައިވެނީގެ ތަރީހު ޔަގީންވީ ކަމަށް ބަލައިގެން މީޑިއާތަކުގައި ރިޕޯޓް ކުރަން ފެށުމުން އެންމެ ފަހުން ސޯނަމް އެވާހަކަ ދައްކައިފި އެވެ.

އޭނާ ބުނި ފިލްމީ ދާއިރާގައި 10 އަހަރު ހޭދަވި އިރު ދުވަހަކުވެސް އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތައް މީޑިއާ އާއި ހިއްސާ ކޮށްފައިނުވާނެ ކަމަށެވެ. މި އަހަރަކީ އޭނާއަށް ވަރަށް ބިޒީ އަހަރެއް ކަމަށާއި، ކައިވެންޏަށް ވަގުތު ހޯދާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކާ ގުޅޭގޮތުން ސޯނަމް ބުނީ ‘ވީރް ދި ވެޑިން’ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހު ކަމަށާއި، އޭގެ ފަހުން ‘ޕެޑްމޭން’ އާއި ‘ދަތް’ ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ކައިވެންޏަށް ވަގުތު ހޯދެއް ނެތް ކަމަށާއި، ވިދޫ ވިނޯދް ޗޯޕްރާގެ ފިލްމެއްގެ ޝޫޓިންވެސް ފެބްރުއަރީގައި ފަށަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސޯނަމް ކައިވެނީގެ ވާހަކަތަކަށް މާ ތަފްސީލުކޮށް ޖަވާބު ނުދިން ނަމަވެސް ސޯނަމްގެ ގާތް މީހަކާއި ހަވާލަދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މި އަހަރުގެ އޭޕްރީލްގައި ޖޯދްޕޫރްގައި ސޯނަމްގެ ކައިވެނި ހަފްލާ އޮންނާނެ ކަމަށެވެ. އަދި މި ކައިވެނީގެ ހަފްލާއަކީ ކުޑަ ހަފްލާއެއް ކަމަށާއި، ހަމައެކަނި އާއިލާއާއި ގާތް އެކުވެރިންނަށް ދައުވަތު ދީގެން ބާއްވާ ހަފްލާއެއް ކަމަށްވެސް ނޫސްތަކުގައިވެ އެވެ.

Next: ގިނަ އެވޯޑްތައް ‘ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިން މިސޫރީ’ އަށް