ސަރަހައްދީ މުބާރާތް ސާފް ޗެމްޕިއަންޝިޕުގައި ރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު 1 – 0 ން ނޭޕާލުން ކާމިޔާބުކޮށްފި އެވެ. އެއާއެކު ނޭޕާލް އަތުން ފުރަތަމަ ފަހަރަށް ރާއްޖެއަށް މިވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
37 އަހަރުތެރޭ ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ރާއްޖެ ބަލިވެފައިވާއިރު މިއީ ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. .
މީގެކުރިން ރާއްޖެއާއި ނޭޕާލް 8 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު 4 މެޗުން ރާއްޖެވަނީ މޮޅުވެފަ އެވެ. އަދި 4 މެޗުން ވަނީ އެއްވަރުވެފަ އެވެ،
ރޭގެ މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ރާއްޖެއިން ކަމުގައިވީ ނަމަވެސް ރާއްޖެއަށް ވަނީ މެޗުގައި ނަތީޖާ ނެރެވޭ ގޮތް ނުވެފަ އެވެ. މެޗުގައި ރާއްޖެއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ނޭޕާލްގެ ގޯލާ އަމާޒުކޮށްފަ އެވެ. އެގޮތުން ރާއްޖެއިން މުޅިއެކު 14 ޝޮޓެއް ފޮނުވާލިއިރު ނޭޕާލުން ފޮނުވާލާފައިވަނީ 12 ޝޮޓެވެ. .
ލަނޑެއް ޖެހުމަށް ކުރިއަށް ޖެހިގެން ރާއްޖެއިން ކުޅެމުން ދަނިކޮށް ލިބުނު ކައުންޓާ އެޓޭކެއްގައި މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ނޭޕާލްގެ މަނީޝް ދަންގީ ވަނީ ބޯޅަ ހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ ރާއްޖެ ކޮޅަށް ލަނޑެއް ޖަހާފަ އެވެ. މިލަނޑާއެކު އެގައުމުން ފުރަތަމަ މެޗު ކާމިޔާބުކުރިއިރު މިމޮޅަކީ އެޓީމަށް ވަރަށް މުހިންމު މޮޅެކެވެ.
ރާއްޖެ އަތުން ފުރަތަމަ ފަހަރަށް މޮޅުވިއިރު މިމޮޅު ވެގެންދާނީ މުބާރާތުގެ ތަށި ހޯދުމަށް އެމީހުން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލުވުމަށް އިތުރު ފަސޭހަ އަކަށެވެ. އެއީ ނޭޕާލަކީ މީގެކުރިން ދުވަހަކުވެސް މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެއް ނޫނެވެ.
ކުލަގަދަ ރަސްމިއްޔާތަކަށް ފަހު މުބާރާތް ހުޅުވިއިރު މި މެޗު ބައްލަވާލައްވަން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދަނޑަށް ވަޑައިގެންފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ ހުރިހާ ޓީމެއްގެ މެދުގައިވެސް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ދެން މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 ވާ ހޯމަ ދުވަހު އެވެ. އެދުވަހު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ނޭޕާލެވެ.
ރޭގެ މެޗް ކުރީން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނޭޕާލްޓީމްގެ ކެޕްޓަން އަދި ގޯލްކީޕަރު ބުނެފައިވަނީ ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުން ކުރިމަތީގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ޖެހިލުން ނުވާކަމަށާ ދިވެހި ސަޕޯޓަރުންނަށް އިހްތިރާމް ކުރާނެކަމަށެވެ.
ދިވެހިންނަށް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭތީ އެޑްވާންޓޭޖް އޮންނާނެ. އެކަމަކު އެއީ އަހަރެމެން ސަމާލުކަން ދޭނެ ކަމެއް ނޫން. ދިވެހި ސަޕޯޓަރުންނަށް ފުރިހަމައަށް އިހްތިރާމް ކުރަން. އަހަރެމެން މަސައްކަތް ކުރާނީ ދަނޑުމަތިން ނޭޕާލް ކޮޅަށް ނަތީޖާ ނެރުމަށް. ނޭޕާލުން ސާފް ޗެމްޕިއަންޝިޕަށް މިއައީ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި” ތަޖުރިބާކާރު ކީޕަރު ކިރަން ބުންޏެވެ.