ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރެވޭނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކުރުމަށް އެންސީއައިޓީގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް ސަރުކާރުން ދެމުންދާ ހިދުމަތްތައް ޒަމާނާއި އެކަށީގެންވާގޮތަކަށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ބައްޓަންކޮށް ޑިޖިޓަލް އިގްތިސާދަކާ ދިމާލަކަށް ގެންދިއުމަށްޓަކާ އެންސީއައިޓީ ގަވާމަންޓް ޑިޖިޓަލް ސާވިސްގެގޮތުގައި ޓްރާންސްފޯމްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ގައުމީ އިދާރާކަމަށްވާ އެންސީއައިޓީން ވަކި ހިދުމަތެއްގެ ގޮތުގައި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށާއި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާނެކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްނޮލިޖީއަކީ މިއަދު ދިރިއުޅުމުގެ ހުރިހާކަމަކާވެސް ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށާއި އަދި ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑީގެ ނިޒާމެއް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ގާއިމުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގައި މިހާރު ބޭނުންކުރާ އީ-ފާސް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ރައްކާތެރި އަދި ޑިޖިޓަލް ކޮންމެ ހިދުމަތެއްގައިވެސް ބޭނުންކުރެވޭނެ ނިޒާމަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.