އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ

މި 15 މީހުންގެ ތެރޭގައި ހިމެނެނީ ފޭދުން ޕޮޒިޓިވްވި މީހަކާއި މަރަދުން ޕޮޒިޓިވްވި 8 މީހުންނާއި ހިތަދުން ޕޮޒިޓިވްވި 6 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި  ހިމެނެނީ 9 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 2 މީހަކާއި ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 4 މީހުންނެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  117 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  11 މީހުންނެވެ .  ހިތަދޫގައި 65 މީހުން ތިބިއިރު  ފޭދޫގައި ތިބީ 21 މީހުންނެވެ. އަދި މީދޫގައި ވަނީ 19 މީހެކެވެ.

އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 235 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 952 މީހުންގެ ތެރެއިން 720 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.  މިވަގުތު އައްޑޫސިޓީގައި ކޮވިޑް ބަލީގެ 4 މީހަކަށް ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުން ދިއުމާގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށް މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ދެމުންދަނީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުންކަމަށެވެ.

Next: މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ، ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް އެއްޗެހި ކީދާނެ. ރޮޒެއިނާ