ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އިޓަލީގެ ޖޯޖީނިއޯ އާއި ފްރާންސްގެ ކަންޓޭ އަދި ބެލްޖިއަމްގެ ޑިބްރޭނާ ކަމަށް ޔުއެފާއިން ރޭ އިއުލާން ކޮށްފިއެވެ.
އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން ޔުއެފާއިން ރޭ އިއުލާން ކުރިއިރު މިފަހަރުގެ އެވޯޑް ހާސިލް ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިޓަލީއާއެކު އެންމެފަހުގެ ޔޫރޯ އާއި ޗެލްސީއާއެކު އެންމެފަހުގެ ޗެމްޕިއަންސް ލީގާއި ޔުއެފާ ސްޕަރ ކަޕް ކާމިޔާބު ކުރި ޕްލޭމޭކަރ ޖޯޖީނިއޯއެވެ. ޗެލްސީން އެންމެފަހުގެ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު މުޅި ޓީމުގެ ރޫހު ގޮތުގައި ފެނުނު ފްރާންސްގެ ކަންޓޭއަށް އެވޯޑް ލިބުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ. ޗެމްޕިއަންސް ލީގް ނޮކައުޓް ސްޓޭޖުގައި ޗެލްސީން ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ކަންޓޭ ހޯދީ އިންޑިވިޖުއަލީ މޮޅަށް ކުޅެގެންނެވެ. އެކަމަކު ޔޫރޯގައި ފްރާންސާއެކު ދެވަނަ ބުރުން ކެޓީއެވެ. ޖޯޖީނިއޯ އާއި ކަންޓޭއާ ބަލާއިރު ޑިބްރޭނާއަށް އޮތީ އެވޯޑް ހާސިލް ކުރުމަށް ހަނި ފުރުސަތެކެވެ. ޗެމްޕިއަންސް ލީގް ފައިނަލަށް ފުރަތަމަ ފަހަރަށް މެންޗެސްޓަރ ސިޓީ ގެންގޮސްދިނުމަށް މުހިއްމު ދައުރެއް އަދާކުރިނަމަވެސް ފައިނަލް މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން މެޗް ފުރިހަމަ ނުކޮށް ޑިބްރޭނާއަށް ޖެހުނީ ފައިބާށެވެ. އަނިޔާގެ ސަބަބުން ޔޫރޯގައިވެސް އެންމެ އެދެވޭ ކުޅުން ޑިބްރޭނާއަށް ދެއްކޭ ގޮތެއް ނުވިއެވެ. އެކަމަކު ޑިބްރޭނާއަށް އޮތް އުއްމީދަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީއަށް ހޯދައި ދިނުމަށް ދެއްކުނު މޮޅު ކުޅުމެވެ. މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކުރީވެސް ޑިބްރޭނާއެވެ