ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ކުރަމުން ނުދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މަހުލޫފްގެ މައްސަލާގއި ޕީޖީ އޮފީހުން ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ޕީޖީ ޝަމީމް އާއި ހަވާލާދީ މިއަދު އެއޮފީހުން ވިދާޅުވީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކާއި، ޤަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއްކަމަށެވެ. މައްސަލަތަކުގައި ތަޙުޤީޤީ އިދާރާތަކުން ހޯދާ ހެކި ޤަރީނާއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ޤަރީނާކަމަށް ކަށަވަރު ކުރާނެކަމަށެވެ. މިމައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނެކަމަށާއި، ޕީޖީ އޮފީހުން ވަކި މީހަކާމެދު ނުޙައްޤުން ޢަމަލުކޮށް ވަކި ގޮތަކަށް އަމަލުކޮށްފައި ނުވާނެކަމަށެވެ.
ތުހުމަތުކުރެވޭ ފަރާތުން މި އޮފީހަށް ނިސްބަތްކޮށް ކުރައްވާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެބޭފުޅާ ދެކެވަޑައިގަންނަވާގޮތް ކަމަށް ވެދާނެ. އެއީ ރަނގަޅު ވާހަކަތަކެއް ނޫން. އަޅުގަނޑުމެން ޤާނޫނާ ޚިލާފަށް އެއްވެސް މީހަކާމެދު ޢަމަލު ނުކުރާނެކަމުގެ ކަށަވަރުކަން އަރުވަން.
– ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުޙަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަޙުޤީޤީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާކަމަށެވެ. މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެންކަމަށާއި، މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް ޢަމަލުކުރަނީ ކަމަށް ނޫންކަމުގައިވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލައިދޭން، ޕީޖީ އޮފީހުން ބޭނުންވާ އިދާރީ ކަންކަން ފުރިހަމަވުމުން އެކަމުގައި ގޮތެއް ނިންމަވާނެކަމަށް ޕޮރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.