ޕީއެސްޖީ ބަލިކޮށް ލިލްއިން ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފި

ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ ބަލިކުރުމަށްފަހު ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

އެންމެ ފަހުގެ ފްރެންޗް ލީގު ޗެމްޕިއަނުން ކަމަށްވާ ލިލްއިން އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ މިދިޔަ އަށް އަހަރު ތެރޭގައި ޕީއެސްޖީއަށް ސުޕަ ކަޕް ގެއްލުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި ޕީއެސްޖީން ވަނީ އެ ޓީމަށް ކުޅެމުން އަންނަ މަޝްހޫރު ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެކަމަކު ބްރެޒިލްގެ ތަރި ނޭމާއާ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއާ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް މި މެޗުގައި ފުރުސަތު ދީފައެއް ނުވެއެވެ. އެކަމަކު މި މެޗުގައި ޕީއެސްޖީން ވަނީ އެޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ މިޑްފިލްޑަރު ޖޮޖީނިއޯ ވައިނަލްޑަމް އާއި މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ކުޅެން އަރުވައިފައެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލިލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު ޒެކާއެވެ.

މިއީ ލިލްގެ ތާރީހުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ސުޕަ ކަޕްއެވެ. ލިލްއިން ސުޕަ ކަޕް ކާމިޔާބުކުރިއިރު، އެޓީމުން ވަނީ ދިހަ އަހަރަށްފަހު މިދިޔަ ސީޒަނުގައި ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ.

Next: އަޔަކްސްގެ އަރަމުން އައި ޒުވާން ތަރި ނޯއާ ގެސާ މަރުވެއްޖެ