ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ މިއަދު ހައްޔަރުކޮށްފިއެވެ.
ރައީސް ނަޝިދަށް ދިން ހަމަލާގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހއ.ހޯރަފުށި/ އަލަނާސިގޭ، މުހައްމަދު ތަސްނީމުއެވެ. ތަސްނީމު ހައްޔަރު ކޮށްފައިވަނީ މިއަދު އައްޑޫ ސިޓީއިންނެވެ.
ސީޕީ ވިދާޅުވީ މިހަލާގައި އިސްކޮށް ހަރަކާތެރިވި އެންމެން މިހާރު ހައްޔަރު ކުރެވިފައިވާކަމަށެވެ. ސީޕީ ވިދާޅުވީ ޓެރަރިސްޓުން ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފެށިކަމަށެވެ. އަދި ހަޔެއް މޭގެ ހަމަލާއަކީ، އެކަން ރޭވި ތިން ވަނަ ފަހަރުކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަމަލަ ދިނުމަށް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް، އިސްހާގް އަދި އަލީ ހައިޝަމް:
ސީޕީ ހަމީދު
މިމައްސަލާގެ ތަހުގީގަށް 103 ތަނެއް ބަލާ ފާސްކުރިކަމަށާއި، އޭގެ ތެރޭގައި ތަންތަނާ އުޅަނދު ފަހަރާއި މީހުން ހިމެނޭކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ މިހަމަލާގައި ސައިކަލުގެ ވެރިރިފަރާތް ކަމުގައިވާ ތަހުމީމް ހުރީ ޖާނުން ފިދާވެގެން ވެސް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ހަމަލާދޭން ތައްޔާރުވެގެން ކަމަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ކަމަށެވެ.
“މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަމަލަ ދިނުމަށް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް، އިސްހާގް އަދި އަލީ ހައިޝަމް،” ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ، އަލީ ހައިޝަމްގެ މައްސަލަ މިހާރު ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ އަކީ ނަޝީދު އަވަހާރަކޮށްލަން ސައިކަލްގައި ބޮން ހަރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
“އިސްހާގަކީ މި ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެއް. އަދި ހަމަލާ އަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު. ފަހުމީ އަލީ އާއި މުހައްމަދު ނާޒިމަކީ ވެސް މި ހަމަލައިގައި އެކި ދައުރު އަދާކޮށްފައިވާ ދެ މީހުން. އަބްދުﷲ އަލި މަނިކަކީ ދިވެހިރާއްޖޭގައި ހަރުކަށި ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް،” ހަމީދު ވިދާޅުވި އެވެ.
“މި ހަމަލާ ދިން އަދުހަމް ރަޝީދު ފިލުވުމާއި ހެކި ނައްތައިލުމުގައި އަމަލީ ގޮތުން [އަބްދުﷲ އަލިމަނިކު] ބައިވެރިވެ އެފަދަ ދައުރެއް އަދާކޮށްފައިވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވޭ.”
ސީޕީ ހަމީދު ވިދާޅުވިއެވެ.