ޗެލްސީ ދޫކޮށް ޖިރޫޑް އޭސީ މިލާނަށް

ޗެލްސީއަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

ޖިރޫޑް އޭސީ މިލާންއަށް ބަދަލުވިކަން ދެ ކުލަބުން ޔަގީންކޮށްދިން ނަމަވެސް ބަދަލުވީ ކިހާ ވަރެއްގެ އަގަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ޖިރޫޑް އޭސީ މިލާނަށް ކުޅޭނީ ނުވަ ނަންބަރު ޖާޒީގަ އެވެ.

އާސެނަލް ދޫކޮށް 18 މިލިއަން ޕައުންޑުގެ އަގަކަށް ޖިރޫޑް ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

އޭސީ މިލާނަށް ބަދަލުވުމަށްފަހު އުމުރުން 34 އަހަރުގެ ޖިރޫޑް ކުރި ޓުވީޓެއްގައި ވަނީ, ހާއްސަ ހަނދާންތަކަށް ޗެލްސީއަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާ ދަތުރެއް މި ފެށީ ހެޔޮ އަދި އުފާވެރި ހިތަކާއެކު ކަމަށް ބުންޏެވެ.

ޗެލްސީއަށް ޖަރުމަނުގެ ފޯވާޑް ކައި ހާވާޓްޒް އާއި ޓިމޯ ވާނާ ގެނައި ފަހުން ޖިރޫޑްގެ ދައުރު ވަނީ ކުރިއަށް ވުރެ ކުޑަވެފަ އެވެ. އެގޮތުން މިދިޔަ ސީޒަންގައި އޭނާ ކުޅެފައި ވަނީ 31 މެޗެވެ. އަދި 11 ގޯލު ވަނީ ޖަހައިފަ އެވެ.

ފްރާންސްއާ އެކު ވޯލްޑް ކަޕް ތަށި އުފުލާލި ޖިރޫޑް ވަނީ ޗެލްސީއާ އެކު ޔޫރޮޕާ ލީގާއި އެފްއޭ ކަޕުގެ އިތުރުން ޗެމްޕިއަން ލީގުވެސް ކާމިޔާބުކޮށްފަ އެވެ. އަދި އެ ކުލަބަށް ކުޅެދިން 119 މެޗުން 39 ގޯލު ޖަހާފައިވެ އެވެ.

Next: ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން މުހިއްމު: ރައީސް