އިންޑިޔާއިން އެންމެ ފެނުނު ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ފާއިތުވި ހަފުތާގެ ތެރޭގައި އޭޝިޔާގެ ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ފެތުރިއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓު މިހާރުވަނީ 100އެއްހާ ޤައުމުން ފެނިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިންވަނީ ދުނިޔޭގައި އެންމެ ހަލުވިކޮށް ފެތުރެނީ ޑެލްޓާ ވޭރިއަންޓުކަމަށް ބުނެފައެވެ. އެ ވޭރިއަންޓުގެ ސަބަބުން އޮސްޓުރޭލިޔާއާއި ދެކުނު ކޮރެޔާފަދަ ޤައުމުތަކުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ޖަޕާނާއި ރަޝިޔާފަދަ ޤައުމުތަކުގެ ޙާލަތުވެސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެހެންކަމުން އެ ޤައުމުތަކުގައި އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސްވަނީ ވަރުގަދަކޮށްފައެވެ.
އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސުގައި މި އަހަރުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ. ފަހުގެ ދުވަސްތަކުގައި އެ ސްޓޭޓުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ. ބަލިމަޑުކަމުގެ އައު ރާޅުގައި އެ ސްޓޭޓުގެ 200އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައިވެއެވެ.
އޮސްޓުރޭލިޔާގެ ސިޑުނީގެ ޙާލަތުވެސްވަނީ ގޯސްވެފައެވެ. 25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިޑުނީވަނީ ބަލިފެތުރުން ހުއްޓުވުމުގެ ގޮތުން ފުރަބަންދުކޮށްފައެވެ. އަދި ސިޑުނީގައި ވެކްސިން ދެމުންދާ ދުވެލި އަވަސްކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށައިފައެވެ. އޮސްޓުރޭލިޔާގައި މިހާތަނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ 6 އިންސައްތަ މީހުންނެވެ.
އޮލިންޕިކްސް ކުޅިވަރު މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންދާ ޖަޕާނުގައިވެސް ޑެލްޓާ ވޭރިއަންޓުވަނީ ހަލުވިކަމާއެކު ފެތުރެން ފަށައިފައެވެ. ޖަޕާނުގެ ވެރިކަންކުރާ ޓޮކްޔޯ ހިމެނޭގޮތަށް އެ ޤައުމުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބަލިޖެހިފައިވަނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުގައި 50 އިންސައްތަ މީހުންނަށް ބަލިޖެހޭނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުންކަމަށް ބެލެވެއެވެ. އެހެންކަމުން ޓޮކްޔޯގެ އިތުރުން އަވަށްޓެރި ތިން ސަރަޙައްދެއްގައި ކުއްލި ޙާލަތުވަނީ އިޢުލާނުކޮށްފައެވެ. ޖަޕާނުގައި ވެކްސިން ދީފައިވަނީ ޢާންމުންގެ އެންމެ 12 އިންސައްތަ މީހުންނަށެވެ. އަދި ބަލިޖެހޭ މީހުންގެ ޢަދަދަށް ހެޔޮ ބަދަލެއް ނާންނަނަމަ ޖުލައި މަހުގެ 23ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮލިންޕިކްސް ކުޅިވަރު މުބާރާތް ބެލުމަށް ޢާންމުންނަށް ނުވަދެވޭ ގޮތަށް ހަދަން ޖެހިދާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.
ދެކުނު ކޮރެޔާގައިވެސް ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިތުރު ނުވައި މިންވަރަށް އެއް ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 800އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. ފާއިތުވި 10 ދުވަހުވެސް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އެއް ދުވަހުން އަނެއް ދުވަހަށްވުރެ އިތުރުވެފައެވެ. އެއާއެކު އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުން އެ ޤައުމުންވަނީ ފަސްކޮށްފައެވެ. އެ ޤައުމުގައި ވެކްސިން ދީފައިވަނީ ޢާންމުންގެ އެންމެ 10 އިންސައްތައަށެވެ. ދުނިޔޭގެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ އިންޑޮނޭޝިޔާގައިވެސް ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ޖުލައި މަހުގެ 3ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހާ ހަމައަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމައިފައެވެ.
އޭޝިޔާގެ ގިނަ ސަރަޙައްދުތަކެއްގެ ޙާލަތު ގޯސްވި ނަމެވެސް ޑެލްޓާ ވޭރިއަންޓު ފުރަތަމަ ފެތުރެން ފެށުމުން ޙާލަތު ވަރަށް ބޮޑަށް ގޯސްވި އިންޑިޔާގެ ޙާލަތު މިހާރުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ދުވާލަކު 400،000 މީހުންނަށް ބަލިޖެހެމުންދިޔަ އިންޑިޔާގައި މިހާރު ބަލިޖެހެނީ 47،000އެއްހާ މީހުންނަށެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް