އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބޭ މައްސަލައާ ގުޅިގެން، އާންމު ރައްޔިތުން މީސްމީޑިއާގައި “އިންޑިއާ އައުޓް” ކިޔުން މައްސަލައަކަށްވެ، ފުލުހުން އެކަން ބަލަން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އޭނާ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ހައި ކޮމިޝަނާއި ދެކޮޅަށް “ވަޔަލެންޓް ތުރެސްޓްސް’ ނުވަތަ އިންޒާރު ދިނުން، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ޗެއާގެ ހައިސިއްޔަތުން ކުށްވެރިކުރައްވާ ކަމަށެވެ. އެކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެެވެ.
އަދި އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމު ކަމަށްވާއިރު މިފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ ހަފްތާގައި ފޮނުވި ސިޓީއެއްގައި ވަނީ ހައިކޮމިޝަނުގެ އިސްވެރިންނާއި، މެމްބަރުންނާއި އަދި ޑިޕްލޮމެޓިކް ސްޓާފުންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ލިޔުންތަކާއި ސޯޝަލް މީޑިއާތަކުގައި ޕޯސްޓުތަކެއް ކޮށްފައިވާކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ. އަދި މިފަދަ “ހަމަލާތައް” ހުއްޓުވައިދިނުމަށްވެސް އެދިފައިވެއެވެ.