ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ކަޓުވާލާ ސްވިޒަލޭންޑް ކުއާޓާއަށް

ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ޔޫރޯގެ ކުއާޓާފައިނަލަށް ސްވިޒަލޭންޑް ދަތުރުކޮށްފިއެވެ

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ސްވިޒަލޭންޑް ކްއާޓާފައިނަލަށް ދަތުރުކޮށްފައިވަނީ 5-4 ގެ ނަތީޖާއަކުން ޕެނަލްޓީޖަހައިގެން ފްރާންސް ބަލިކުރުމަށްފަހުގައެވެ

ރޮމޭނިއާގެ ނޭޝަނަލް އެރީނާގައި ރޭ  ކުޅެވުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނިޓްގައި ޖަހާ ލީޑު ނެގީވެސް ސްވިޒަލެންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރިސް ސެފެރޮވިޗެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗްގެ 55 ވަނަ މިނިޓްގައި މެޗްގެ ލީޑު ފުޅާ ކުރުމަށް ސްވިޒަލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް ރިކާޑޯ ރޮޑްރިގޭޒް ޕެނަލްޓީގައި ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

މި ޕެނަލްޓީ ނާކާމިޔާބުވިތާ 2 މިނިޓްފަހުން މެޗްގެ 57 ވަނަ މިނިޓްގައި އެމްބާޕޭ ތަނަވަސްކޮށް ދިން ފުރުސަތެއްގައި  ކަރިމް ބެންޒެމާ ވަނީ ލަނޑެއް ޖަހާ ފްރާންސް އަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އަދި ފްރާންސަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ލަނޑު އޭގެ ދެމިނިޓް ފަހުން މެޗްގެ 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް ބެންޒެމާއެވެ. މިލަނޑަކީ ގްރިޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗްގައި ފްރާންސުން ކާމިޔާބުކުރި 3 ވަނަ ލަނޑަކީ   މެޗުގެ 75 ވަނަ މިނިޓްގައި ޕޮގްބާ ޑީ އޭރިއާގެވެސް ބޭރުގައި ހުރެފައި ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ކަނާތު އަރިމަތީ ކަނަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.  

3-1 ގެ ލީޑެއް ފްރާންސް ހޯދުމާއެކު މިމެޗް ފްރާންސް ކާމިޔާބުކުރީކަމަށް ބެލެވުނެވެ. އެހެންނަމަވެސް މެޗްގެ 81 ވަނަ މިނިޓްގައި ސެފެރޮވިޗް ކާމިޔާބުކޮށްދިން ލަނޑާއި  މެޗްގެ 90 ވަނަ މިނިޓްގައި ގަވްރަވިޗް  ކާމިޔާބުކޮށް ދިން ލަނޑުން ސްވިޒަލެންޑުން  މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި ހަތަރު މިނެޓްގެ އިތުރު ވަގުތުގައި ފްރާންސަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 4-3 އަށް ބަދަލުކުރަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެހެންނަމަވެސް  ކިންގްސްލީ ކޯމަން ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައިވަނީ ބޭރަށް ގޮސްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުގެން ނިމުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ފްރާންސްގެ އެޑްރިއަން ރަބިއޯ އަށްވެސް ލަނޑު ޖަހާނެ  ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ސޮމާ ކޯނަރަކަށް ބޭރުކޮށްލީ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ފްރާންސްގެ އޮލިވާ ޖިރޫ ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަނަމަވެސް އެ ބޯޅަވެސް ސްވިސްގެ ކީޕަރު ސޮމާ ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީގައި ސްވިޒަލޭންޑުން ޖެހި ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފްރާންސް ބަލިވީ އެ ޓީމަށް ލިބުނު ފަސް ޕެނަލްޓީގެ ތެރެއިން އެންމެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. މި ޕެނަލްޓީ ޖަހާފައިވަނީ ކީލިއަން އެމްބާޕޭ އެވެ.

މިއީ 1992 ގެ ފަހުން ސްވިޒަލޭންޑުން ފްރާންސް ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި ސްވިޒަލޭންޑުގެ ފުޓުބޯޅައިގެވެސް ފާހަގަކޮށްލެވޭ ބޮޑު މޮޅެކެވެ.

މުބާރާތުގެ ކުއާޓާފައިނަލުގައި ސްވިޒަލޭންޑް ބައްދަލުކުރާނީ ރޭ ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދި ސްޕެއިން އާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ރޭ ...

އައްޑޫ ސިޓީ ހިތަދޫ ފަޅު ބޭރުން ޑައިވްކުރާ ސަރަހައްދެއް ހިމާޔަތްކޮށްފި

ސ. ހިތަދޫ އާންމު ބަނދަރާއި ދިމާލުން އޮންނަ ‘ފަސްގަނޑު’ ގެ އުތުރުން އަދި މާހެރެގެ އިރުން އޮންނަ ސަރަހައްދެއް ...

ރައީސް ނަޝީދު ހާލުކޮޅު އަންނަނީ ރަނގަޅުވަމުން، އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުން ...