advertisement

“ޑެންމާކް ބަލިވީއެވެ. ނަމަވެސް ފުރާނައެއް ކާމިޔާބު ކުރެވިއްޖެއެވެ.”

މިއީ ޑެންމާކްގެ ނޫސްތަކުގައި ފާހަގަކޮށްފައިވާ ސުރުޚީއެކެވެ

މިއީ ރޭގެ މެޗްގެ ހާދިސާ ކުރުކޮށް ބުނެލަދޭން އެންމެ ފުރިހަމަ އެއް ގޮތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޑެންމާކް އާއި ފިންލެންޑް ބައްދަލުކުރިމެޗުން ޑެންމާކް ބަލިވި ނަމަވެސް އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ހޭނެތިގެން ވެއްޓި ދިމާވި ކުއްލި ނުރައްކާތެރި ހާދިސާއިން އެރިކްސަން ރަގަޅުވަމުން އަންނާތީ ރޭގެ މެޗުން ބަލިވިޔަސް ޑެންމާކު ކުޅުންތެރީންނާއި އޮފިޝަަލުން އަދި އެރިކްސަންއަށް ހެޔޮއެދޭ އެންމެން ތިބީ ހިތްހަމަޖެހިފައެވެ.

ރޭގެ ދަނޑުމަތީގައި ދިމާވި ހާދިސާއަށްފަހު މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަގަޅުވަމުންނެވެ. ރޭގެ މެޗްގެ ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް އެރިކްސަން ބޯޅައަށް ޙަރަކާތް ކުރި ތަނާ ފެނިގެންދިޔައީ ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނު ތަނެވެ. އަދި ވަގުތުން ރެފްރީ އާއިދެޓީމްގެ ކުޅުންތެރިން އޭނާއަށް ފަރުވާ ދިނުމަށް މެޑިކަލް ޓީމު ދަނޑަށް އެމަށް އިޝާރާތް ކުރަމުންދިޔަ ތަން ފެނިގެންދިޔއެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑެންމާކް ޓީމްގެ ޑޮކްޓަރ މާޓިން ބޮއެސެން ބުނީ އޭނާއަށް އެރިކްސަން ކައިރިއަށް ދެވުނުއިރު އޭނާ އޮތީ އެއް އަރިއަކަށް ކަމަށާއި އޭނާ ނޭވާ ލި ކަމަށާއި އަދި ވިންދު ހުރިކަން ފާހަގަވި ކަމަށެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެހުރިހާ ކަމެއް ބަދަލުވެ އޭނާއަށް ސިޕީއާރު ދޭން ފެށީކަމަށެވެ. އަދި ދަނޑުގައި ތިބި މެޑިކަލް ޓީމާއި އެހެން ސްޓާފުންގެ އެހީތެރިކަން އެވަގުތު ވަރަށް އަވަހަށް ލިބިގެންދިޔަ ކަމަށާއި އެންމެން ގުޅިގެން ކުރި މަސައްކަތުން އެރިކްސަން ސަލާމަތް ކުރެވުނީކަމަށް އޭނާ ބުންޏެވެ. މިހާދިސާ ދަނޑުމަތީ ހިނގަމުންދިޔަ ވަގުތަކީ މިފަދަ ބޮޑު މުބާރާތެއްގައި ފެނިގެންދާން އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. އެރިކްސަން އަށް ފަރުވާދެމުންދިޔަ ވަގުތު އޭނާ ފޮރުވުމުގެ ގޮތުން ވަށައިގެން އެތުރިލައިގެންތިބި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. އަދި ގިނަ ކުޅުންތެރިން ތިބީ ފެންކަޅިވެފައެވެ. އަދި ފޯރީގައި ދެޓީމަށް ސްޕޯޓް ކުރަމުންދިޔަ ކުޅިބެލުންތެރިން އެއްކޮށް ހަމަހިމޭންވެ މުޅި ދަނޑަށް މާޔޫސްކަން ވެރިވެގެންދިޔައެވެ.

އެރިކްސަންއަށް ރޭ ދިމާވި ހާދިސާއާއެކު ގިނަ ފަރާތްތަކަކުން އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދޭކަން ހާމަކުރަމުންނެވެ. ބެލްޖިއަމްގެ ފޯވަޑް އަދި އެރިކްސަން އާއެކު އިންޓަރ މިލާނަށް އެކުގައި ކުޅޭ ރޮމެލޫ ލުކާކޫވަނީ ރޭގައި އޭނާ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހުމަށްފަހު އެރިކްސަންގެ މަތިން ހަނދާންކޮށްފައެވެ. މެޗަށްފަހު ލުކާކޫ ބުނީ އޭނާ ރޭގެ މެޗާމެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް އޭނާއަށް ކުޅެން އުނދަގޫވި ކަމަށެވެ. އެއީ އޭނާގެ ވިސްނުންހުރީ އެއްކޮށް އެރިކްސަންއަށް ވަމުން ދާ ގޮތަކާއި މެދު ވިސްނި ވިސްނި ކަމަށްވުމުންނެވެ.

މިހާދިސާއާއެކު މިމެޗްގެ ބާކީ ބައި ރޭ ނުކުޅޭނެކަމަށް ހީވި ނަމަވެސް އެކަން ހިނގިތާ ދެގަޑިއިރެއްހާ ފަހުން މެޗު ވަނީ އަލުން ކުޅެފައެވެ.

ޔުއޭފާއިން ބުނެފައިވަނީ ދެޓީމްގެ ކުޅުންތެރިންގެ އެދުމުގެ މަތިން މެޗްގެ ނުނިމި އޮތް ބައި ރޭ ކުޅެން ނިންމީ ކަމަށެވެ. ނަމަވެސް މެޗަށްފަހު ވާހަކަ ދައްކަމުން ޑެންމާކުގެ ކޯޗު ކެސްޕަރ ހުލްމުންޑް ބުނީ ކުޅުންތެރިންނަށް ދިނީ ދެ ޗޮއިސްއެއް ކަމަށާއި އެއީ ރޭގައި މެޗް ކުޅެން ނޫނީ މިއަދު މެންދުރު އެމެޗްގެ ނުނިމި އޮތް ބައި ކުޅުމެވެ. އެހެންކަމުން ރޭގެ ހާދިސާއާއެކު ކުޅުންތެރިންނަށް ލިބިފައިވި ޝޮކާއި ހިތްދަތި ކަމުގެ ސަބަބުން ނިދުމަކީ ވާނެކަމަކަށް ނުވާނެތީ އަނެއްކާ މިއަދު ހެނދުނު އެހާލަތުގައި ތިބެގެން ދަނޑަށް ގޮސް މެޗް ކުޅުމަށްވުރެ ރޭ އެކަންތައް ނިންމާލަން ބޭނުންވީ ކަމަށެެވެ. ނަމަވެސް ރޭގެ މެޗްގެ ބާކީ ބައިގައި ގިނަ ކުޅުންތެރިން ކުޅުނު ނަމަވެސް އެކުޅުންތެރިން ތިބީ ކުޅެވޭ ވަރަށް ވުރެ ނަފްސާނީ ގޮތުން މާބޮޑަށް އަސަރުކޮށްފައިކަމަށް އޭނާ ބުންޏެވެ. އަދި އޭނާވަނީ އެހާލަތުގައިވެސް މެޗް ފުރިހަމަ ކުރީތީ އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފައެވެ. ރޭގެ މެޗުގެ ކުރީކޮޅު މޮޅަށް ޑެމްމާކުން ކުޅުނު ނަމަވެސް އެހާދިސާގެ ފަހުން ކުޅުނު އިރު އެކުޅުން އެއްގޮތަކަށްވެސް ފެނިގެނެއް ނުދިޔައެވެ. އަދި ނަތީޖާއަކަށްވީ މެޗުން ބަލިވުމެވެ. ނަމަވެސް އެހުރިހާ ކުޅުންތެރިންނާއި މުޅި ޑެންމާކްވެސް ރޭގެ މެޗް ގެ ނަތީޖާ އެހެން ނިކުތް ނަމަވެސް އެރިކްސަންގެ ފުރާނަ ސަލާމަތް ކުރެވި މިހާރު ހާލު ރަނގަޅު ވަމުން އަންނާތީ ތިބީ ހިތްހަމަ ޖެހިފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައްސަލައަކީ މަސީހެއްނޫން – ބަޔަކު އެއުޅެނީ ވެރިކަމާ ތޮޅެން.، – ޕީޕީއެމް މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ، ރައްޔިތުންގެ މަޖިލިސް ހަލަބޮލިކޮށް ...

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ...

އައްޑޫ ސިޓީ ކައުންސިލުން އެސިޓީގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް

އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއި ތުރުކީގެ ކުންފުނިތަކަކާއި ...