އައްޑޫސިޓީ ހިމެނޭގޮތައް 10 އަތޮޅެއްގައި ސޯލަރ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރަނީ

advertisement

އައްޑޫސިޓީ ހިމެނޭގޮތައް ރާއްޖޭގެ 10 އަތޮޅެއްގައި ސޯލަރ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

މި މަސައްކަތަކީ ވާރލްޑް ބޭންކްގެ އެހީގައި ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 10 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކެއްގައި ޤާއިމުކުރެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެރައިސް މަޝްރޫޢުގެ ދަށުން މި ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވާ އަތޮޅުތަކަކީ ށ، ބ، ޅ، ދ، ލ، ގއ، ގދ އަތޮޅުގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީއެވެ. މި އަތޮޅުތަކުން ކަނޑައަޅާފައިވާ ރަށްތަކުގައި ސޯލަރ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮމިޝަންކޮށް، އޮޕަރޭޓްކޮށް ޓްރާންސްފަރ ކުރުމަށްޓަކާ ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަންނަ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރީންނެވެ.

މި މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލަރ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ. އަދި ސޯލަރއާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އާއި ޑިސްޓްރިބިއުޝަން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ހަމަޖެހިފައެވެ.

ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފެއްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލީގެ ސިފައިން ނުކުމެ ރައީސް އާއި ބޮޑުވަޒީރު ހައްޔަރުކޮށްފި

މާލީގެ ސިފައިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާއާއި ބޮޑުވަޒީރު ބޫބޫ ސީސާ ސިފައިންގެ ބެލުމުގެ ...

ޕްރައިވެޓް ޖެޓެއްގައިރައީސް ނަޝީދު ފަރުވާއަށް، ޖަރުމަނަށް ފުރައިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ...

ކޯވިޑް-19 : އިތުރު 152 މީހުން ޕޮޒިޓިވްވެއްޖެ، މިއަދުވެސް ގިނައީ ދިވެހިން

ރާއްޖެއިން ކޯވިޑް-19އަށް މިއަދު 152 މީހުން ޕޮޒިޓިވްވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭ އިރުއޮއްސި 18:00 ...