
މީދޫގައި އުޅެމުންދާ ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްކުރުމަށް ކާޅުތަކަށް ބަޑި ޖަހައި މެރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މީދޫ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖްގައި އެ އޮފީހުން ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު ހަޔަކުން ފެށިގެން އެމްއެންޑީއެފްގެ ސިފައިން ބަޑި ޖަހައި ކާޅު މެރުުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.
މީދޫގެ އިތުރުން އައްޑޫގެ އެހެން ރަށްތަކުންވެސް މަދު މަދުން ކާޅު ފެންނަމުން އަންނަ އިރު އެކާޅުތަކުން ދޮންދީނިތައް މަރައިގެން ކެއުމުގެ އިތުރުން ދޮންދީނީގެ ހާލިތަކަށް ގެއްލުންދެމުންދާތީ ބައެއް އާއްމު ރައްޔިތުން އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ގޮސްފައިވެއެވެ.
އައްޑޫސިޓީގެ ރަށްތަކަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކާޅު އާއްމުކޮށް އުޅޭ ރަށްތަކެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބައެއް މީހުން އައްޑޫއަށް ކާޅު ގެނެސް ގެންގުޅެއެވެ. އެ ގޮތުން ގެންނަ ކާޅުތައް އާލާވެ، ދޮންދީނީގެ އާބާދީއަށް މީގެ ކުރިންވެސް ކާޅުތަކުންވަނީ ގެއްލުންދީފައެވެ.
ދޮންދީނިއަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ

ކޮމެންޓްސް (0)