ވަކިވަކި ސިފައިން ޢަމަލުކުރި ގޮތް ފޮރުވަން، ސިފައިންގެ ވެރިންނަށް ފުރުޞަތު ނުދެވޭނެ: ނަޝީދު

އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި ސެކިއުރިޓީ ސިފައިންނަށް ބަސް ނުބުނެވެގޮތަސް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ވިދާޅުވެ، ވަކިވަކި ފުލުހުންގެ މައްސަލަ ނުބެލޭނެކަމަށް އެމްއެންޑީއެފް އިން ބުނެފައިވާ ބުނުމަށް، ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާގެ ފަރާތުން ކަމަށާއި، ވަކިވަކި އޮފިސަރުން ނޫންކަމަށް އިއްޔެ އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އެވާހަކަތަކަށް ރައްދުދެއްވާ ރައީސް ނަޝީދު މިއަދު ކުރެްވި ޓްވީޓެއްގައި ވިދާޅުވީ، ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަގޮތް ފޮރުވުމަށްޓަކައި، ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެކަމަށެވެ. އަދި އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި މޮޅެތި ސިފައިންނަށް، އެމީހުންގެ ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށްވެސް ރައީސް ނަޝީދު ދެއްވި ރައްދުގައި ވިދާޅުވިއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރިއަށް ހާޒިރުކުރާ ވަކިވަކި ފުލުހުންނާއި ސިފައިންނަށް އަދި ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241)ކޮމިޓީން ވަނީ ބުނެފައެވެ. އެ ކޮމިޓީއަށް ވަކިވަކި ފުލުހުންނާއި ސިފައިން ޙާޒިރުކޮށް މިމައްސަލައިގެ އެންމެ ފުނަ ދިޔުމަށް ސުވާލުކޮށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށްވެސް އެ ކޮމިޓީން ބުނެފައިވެއެވެ.

ނަމަވެސް ކޮމިޓީގެ އެވާހަކަތަކަށް ރައްދުދީ އެމްއެންޑީއެފް އިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ.

މީގެ އިތުރުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން އެަނިކުފާނު ސަލާމަތްވެވަޑައިގަތީ ކިރިޔާއެވެ. އެ ހަމަލާ ރައީށް ނަޝީދަށް ދިނުމުގެ ކުރިން، އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ލިބިފައިވާކަން ވަނީ ހާމަވެފައެވެ. މިއާއެކު އެކަމަނާގެ އިސްތިއުފާއަށް ގޮވާ އަޑުވަނީ ގަދަވެފައެވެ. ނަމަވެސް މާރިޔާ އެކަމަށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ފޯރުކޮށްދޭ ސެކިއުރިޓީއާއި، އެމަނިކުފާނުގެ ގެކޮޅުގެ ރައްކާތެރިކަމާއި ބެހޭ ގިނަ މަޢުލޫމާތުތަކެއް މިހާރު ނޫހުގައި ރިޕޯޓްކުރުމާއި ގުޅިގެން، އެ މަޢުލޫމާތުތަކަކީވެސް މިނިސްޓަރ މާރިޔާ ދެއްވި މައުލޫމާތުތަކެއްކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. ނަމަވެސް މިނިސްޓަރ މާރިޔާ އެކަން ދޮގުކުރައްވައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...

ސިޓީ ހޮޓާތަކަށާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ...

މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެއްޗާއި ގަސްތައް ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ފުވައްމުލަކު ސިޓީގެ ބައެއްގޭގެ މަގުފާރު ކައިރީގައި ބަހައްޓާފައި ހުންނަ ބަގީޗާ ގަސްތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި ޖޯލިފަދަ ...