އެތުލެޓިކޯ ލީގު ޗެމްޕިއަންކަން ހޯދައިފި

advertisement

އެތުލެޓިކޯ މެޑްރިޑުން އެގާރަ ވަނަ ފަހަރަށް ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތުލެޓިކޯ ހޯދާފައިވަނީ ރޭ ކުޅެވުނު ލީގު ފަހުމެޗްތަކުގެ ތެރެއިން ރެއާލް ވެލަޑޮލިޑް ބަލިކުރުމަށްފަހުއެވެ. އެތުލެޓިކޯއިން މިމެޗް ކާމިޔާބުކޮށްފައިވަނީ ވެލަޑޮލިން ލަނޑެއް ޖަހާ ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު ޖަހައިގެން 2 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިމޮޅާއެކު އެތުލެޓިކޯއަށް ޗެމްޕިއަންކަން ލިބުނީ 38 މެޗުން 86 ލިބިގެންނެވެ.

އެތުލެޓިކޯއިން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 14-2013 ވަނަ އަހަރުގެ ސީޒަންގައެވެ.

ލީގަށް އެތުލެޓިކޯ އާ އެންމެ ގާތުން ވާދަކުރި ރެއާލް މެޑްރިޑް ވެސް ވަނީ އެ ޓީމުން ރޭ ކުޅުނު ލީގުގެ އެންމެ ފަހު މެޗުގައި ވިޔަ ރެއާލް އަތުން 2 ލަނޑު އެއްލަނޑުން މޮޅުވެފަ އެވެ. އެކަމަކު ރެއާލް އަށް ލީގު ޗެމްޕިއަން ކަން ދިފާއު ކުރެވެންއޮތީ ރޭ އެތުލެޓިކޯ ކުޅުނު މެޗުން އެޓީމް ބަލިވެގެނެވެ. ރެއާލްމެޑްރިޑަށް ލީގު ނުމުނުއިރު 38 މެޗުން ލިބިފައިވަނީ 84 ޕޮއިންޓެވެ. އަދި ތިންވަނަ ލިބުނު ބާސެލޯނާއަށް 38 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.

އެތުލެޓިކޯއާއި ވެލަޑޮލިން ބައްދަލުކޮށް ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޭބަލްގެ 19 ވަނާގައި އޮތުމާއެކު ލެރިގޭޓްވުމުގެ ބިރާ ކުރިމަތިވެފައިއޮތް ރެއާލް ވެލަޑޮލިޑުންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާ ޕްލާނޯއެވެ. މެޗުގެ ފުރަތަމަ ހާފުވެސް ނިމުނީ މި ނަތީޖާއިން ވެލަޑޯލިޑް ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފް ފަށައިގެން އެތުލެޓިކޯއިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނެޓުގައި އެންގެލް ކޮރޭއާ ވަނީ ލަނޑެއް ޖަހާ އެތުލެޓިކޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. . މި ލަނޑު އެޓީމުން ކާމިޔާބުކުރިތާ ޖެހިތާ 10 މިނެޓު ފަހުން ސުއަރޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-2 އަކަށް ބަދަލުކޮށްލާފައެވެ.

މި ސީޒަންގެ ސްޕެނިޝް ލީގު ރޭ ނިމިގެން ދިޔައިރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަތައް ލަލީގާއިން ކަށަވަރުކުރި ޓީމުތަކަކީ އެތުލެޓިކޯ ، ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ އިތުރުން ސެވިއްލާއެވެ.

Next: 49 އަހަރުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލައިފި