މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުން ދާ 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ކޮވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ނަޒްލާ މިހެން ވިދާޅުވީ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިމަހުގެ 19 ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތަފްސީލު ވިދާޅުވެ ދެއްވާފައެވެ.
އައިސީޔޫގައި ފަރުވާ ދެއްވާ މީހުންގެ ތަފްސީލް
- 40 އަހަރުން ދަށް – 35 އިންސައްތަ
- 41 އަހަރާއި 50 އަހަރާ ދެމެދު – 5 އިންސައްތަ
- 51 އަހަރާއި 60 އަހަރާ ދެމެދު – 29 އިންސައްތަ
- 61 އަހަރާއި 70 އަހަރާ ދެމެދު – 29 އިންސައްތަ
ޑރ. ނަޒްލާ ވިދާޅުވީ، މިކަމުން ވެސް އެނގެނީ މި ބަލި ޖެހިގެން ހާލަތު ގޯސްވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން ނޫން ކަމަށެވެ. އަދި ޒުވާން އުމުރުގެ މީހުންނަށް ވެސް އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭކަން ޑރ. ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މި ބައްޔަކީ ބަލިން ރަނގަޅު ވުމަށްފަހު ވެސް އޭގެ އުނދަގޫތައް ތަހައްމަލު ކުރަން ޖެހޭ ބައްޔަކަށް ވުމުން، ބަލި ޖެހޭ ޒުވާނުންނަށް ވެސް އޭގެ އުނދަގޫ ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރަން ޖެހިދާނެ ކަމަށެވެ.