ޗެލްސީ ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު ފައިނަލް މެޗު ލެސްޓާ ސިޓީން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
ފައިނަލުގައި ލެސްޓާ އަތުން ޗެލްސީ ބަލިވުމާއެކު މިއީ، ޖެހިޖެހިގެން އެފްއޭއޭ ކަޕުގެ ފައިނަލުގައި އެޓީމު ބަލިވި ދެވަނަ ފަހަރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފައިނަލުގައި ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީ ބަލިވީ އާސެނަލް އަތުން 2-1 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ލެސްޓާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މި މެޗުގައި ލެސްޓާއިން ޖެހި ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޔޫރީ ޓިއެލެމަންސްއެވެ. މި ލަނޑަށްފަހު ޗެލްސީން ވަނީ ލެސްޓާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ލެސްޓާގެ ކީޕަރ ޝްމައިކަލް ވަނީ ހުށިޔާރުކަމާއެކު އެ ހުރިހާ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލެސްޓާގެ ވެސް މޯގަން އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، އޭގެ ކުރިން ޗެލްސީގެ ޗިލްވެލް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
ލެސްޓާ މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ހަތަރު ފަހަރު ވަނީ ވާދަ ކޮށްފައެވެ. ނަމަވެސް އެ ޓީމް ވަނީ އެ ހަތަރު ފަހަރު ވެސް ބަލިވެފައެވެ.
މި މެޗުން ބަލިވި ޗެލްސީ މީގެ ކުރީން މިމުބާރާތް 8 ފަހަރު ކާމިޔާބުކޮށްފައިވެއެވެ. އަދި ރޭގެ ފައިނަލުން ބަލިވިޔަސް މި ސީޒަންގައި ތައްޓެއް ހޯދުމުގެ ފުރުޞަތު އެޓީމަށް އެބައޮތެވެ. އެއީ މިމަހު 29 ގައި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުންނެވެ.
އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމަކީ އާސެނަލްއެވެ. އެ ޓީމުން މި މުބާރާތް 14 ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ދެން މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ޓީމް ވަނީ 12 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.