ހިތަދޫއާއި ހުޅުދޫ އަދި މީދޫއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ދިނުން އަމިއްލަ ފަރާތަކުން ފަށައިފި އެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ހިތަދުން އަގުހެޔޮކޮށް ހުޅުދޫ މީދުއަށް މުދާ ގެނައުމުގެ ކަންތައް މިވަނީ ތަނަވަސްވެފައެވެ. މިދަތުރުގެ ކަންތައް މީދުން ބަލަހައްޓަމުންގެންދާ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި ހިތަދޫ ފިހާރަތަކުން މުދާ ގަންނަން ލިބޭ އަގުގައި މިފެރީން މުދާ ހުޅުދޫ މީދޫއާއި ހަމައަށް ފޮނުވައިދިނުމުގެ ކަންތައް ހިތަދޫގެ ބޮނިޓޯ އޮފީހުން ވަނީ ހަމަޖައްސާދެއްވާފައެވެ.
އަދި މީގެ އިތުރަށް ހުޅުދޫއާއި މީދޫގައި ދަނޑުވެރީން އުފައްދާ ތަކެތި ހިތަދުއަށް ފޮނުވައިގެން ވިއްކުމުގެ ފުރުސަތުވެސް ދަނޑުވެރީންނަށްވަނީ މިފެރީގެ ސަބަބުން ތަނަވަސްވެގެން ގޮސްފައެވެ.
މި ހިދުމަތުގެ ސަބަބުން ހިތަދުން ހުޅުދޫ މީދުއަށް ހެޔޮއަގުގައި މުދާ ގެނައުމަށް ލުއި ފަސޭހަ ލިބިގެން ދިއުމަކީ އާއްމުންނަށާ އަދި ބައެއް ވިޔަފާރިތައްކުރާ ފަރާތަކަކަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެކެވެ.
މިވަގުތު މިފެރީން ކާގޯގެނައުމުގެ އިންތިޒާމް ހަމަޖެހިފައި އޮތްކަމުގައިވިޔަސް ކުރިއަށް އޮތްތަނުގައި މިފެރީން ހިތަދުއަށް ދަތުރު ކުރަންބޭނުންވާ ފަރާތްތަކަށް ކޮޅަކަށް 20 ރުފިޔާ ދީގެން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް މިދަތުރުތައް ހަމަޖައްސަމުންދާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
އެމްޕީއެލްއިން ހުޅުމީދޫ އާއި ފޭދޫއާއި ދެމެދު ފެރީގެ ޚިދުމަތް ދެމުންދިޔަނަމަވެސް ސީދާ ހިތަދޫއާއި ހުޅުމީދޫއާއި ދެމެދު ފެރީގެ ޚިދުމަތެއް ދެމުންނުދެއެވެ. މީގެ ސަބަބުން ހުޅުމީދުން ހިތަދޫ ހޮސްޕިޓަލަށް ދެއްކުމަށާ އެހެނިހެން ޒަރޫރީ ބޭނުންތަކަށް ހިތަދުއަށް ދާންޖެހޭ މީހުން ފޭދުއަށް ގޮސް ފޭދުން 100 ރުފިޔާ ނޫނީ 130 ރުފިޔާ ދީފައި ޓެކްސީގައި ނޫނީ ހިތަދުއަށް ދެވޭނެ ގޮތެއް ނޯވެއެވެ.
ފޭދުން ހިތަދުއަށް ބަސްދަތުރު އޮންނަގޮތުން ހުޅުމީދުން ފޭދުއަށްގޮސްގެން ފޭދުން ހިތަދުއަށް ބަހުގައި ދަތުރުކުރާނަމަ ވަރަށްގިނައިރު ހޭދަކުރަންޖެހެއެވެ. އެހެންކަމުން ގިނަ މީހުންނަ މަޖުބޫރުވެފައި އޮންނަނީ ކާރުގައި އަވަހަށް ގޮސް ހޮސްޕިޓަލުން ނަމްބަރު ނަގައިގެން އަވަހަށް ޑޮކްޓަރަށް ދެއްކޭތޯ ބެލުމެވެ.
ހިތަދޫއާއި ހުޅުމީދޫއާއި ދެމެދު ކުރުމަށް ހަމަޖެހިފައިވާ މިތަދުރުތަކާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9785796 ނަމްބަރު ފޯނަށް ގުޅުއްވުމުން ދަތުރުގެ ކަންތައް ހަމަޖެހިފައިވާގޮތް ސާފްވެވަޑައިގަންނަވާނެއެވެ.
މިދުވަސްވަރަކީ ކޮވިޑް 19 ގެ ސަބަބުން އައްޑޫސިޓީގެ އެއްރަށުން އަނެއްރަށަށް ދަތުރު ނުކުރެވޭ ގޮތައް ހަމަޖެހިފައިވާ ދުވަސްވަރެއްކަމުގައި ވިޔަސް މިކާގޯ ފެރީގެ ދަތުރުތައް ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ދަނީ ބާއްވަމުންނެވެ.