މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، ޕްރިމިއާލީގުގެ ގަދަހަތަރަކަށް އެރުމުގެ ފުރުސަތު ލިވަޕޫލުން ތަނަވަސްކޮށްފިއެވެ.
ރޭ ޔުނައިޓެޑްގެ ދަނޑުގައި ޔުނައިޓެޑާއި ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 2-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެފްރީ ލިވަޕޫލަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ޔުނައިޓެޑްގެ ކުޅުންތެރީން މައްސަލަ ޖައްސައިގެން ވިއޭރާ ބެލުމަށްފަހު ޕެނަލްޓީދީފައެއް ނުވެއެވެ.
މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފިރްމީނޯ ވަނީ ލިވަޕޫލްގެ 2ވަނަ ލަނޑު ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗްގެ 48 ވަނަ މިނިޓްގައި ފިރްމީނޯ ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެން 68 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ރަޝްފޯޑް ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ 3-2 އަށް ބަދަލުކޮށްދިނެވެ.
އެހެންނަމަވެސް މެޗުގެ އިތުރު ވަގުތުގައި ސަލާހު ވަނީ ލަނޑެއް ޖަހައި، މެޗްގެ ނަތީޖާ 4-2 އަށް ބަދަލުކޮށް ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި މޮޅާ އެކު މި ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގެ ފުރުސަތު ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ލިވަޕޫލަށް ވަނީ އަމިއްލަ ބާރު ލިބިފައެވެ. ބާކީ އޮތް ތިން މެޗް ކާމިޔާބުކޮށްގެން ގަދަ ހަތަރަކަށް ލިވަޕޫލަށް އެރޭނެއެވެ. ލިވަޕޫލް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ޗެލްސީއާއި ލެސްޓަރސިޓީއަށް ބާކީ ދެ މެޗް އޮތް އިރު މި ދެޓީމު ބައްދަލުކުރާ މެޗް ވެސް ކުރިއަށް އެބައޮތެވެ.